ޚަބަރު

ޙައްޖުގެ މަތިވެރި އަޅުކަމުގެ އިންތިޒާމުތައް ކާމިޔާބުކަމާއެކު ނިންމާލައިފި


1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ނިންމައިލެވިފައި ވަނީ އެއްވެސް ދަތިކަމެއްނެތް، އަމާން އަދި ހިތްހަމަޖެހުން ބޮޑު މާޙައުލެއްގައި ކަމުގައި ސަޢޫދީ ޢަރަބިއްޔާއިން އިޢުލާނުކޮށްފިއެވެ. މި އަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިމުމަކަށް އައިސްފައިވާ ކަން ރަސްމީކޮށް އިޢުލާންކުރެއްވީ މައްކާ ސަރަޙައްދުގެ ނައިބު ގަވަރުނަރު އަދި ޙައްޖާއި ޢުމްރާ ކޮމިޓީގެ ނައިބު ރައީސް، އަލް-އަމީރު ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދު އަލް-ޢަަޒީޒެވެ.

ޙައްޖުގެ މަތިވެރި އަޅުކަން ކާމިޔާބުކަމާއެކު ނިމިފައިވާ ކަން އިޢުލާނުކުރައްވަމުން އަމީރު ސުޢޫދު ވިދާޅުވީ، 1.7 މިލިޔަނަށްވުރެ ގިނަ ޙައްޖުވެރިން ބައިވެރިވި މި އަހަރުގެ ޙައްޖުގެ އަޅުކަން ކާމިޔާބުވީ، ސަލާމަތީ، އިންތިޒާމީ އަދި ޚިދުމަތްތަކުގެ ފުރިހަމަ ނިޒާމެއްގެ އެހީތެރިކަމާއެކު، ޙައްޖުވެރިންނަށް ފަސޭހަކަމާއި ހިތްހަމަޖެހުމާއެކު އަޅުކަން ފުރިހަމަކުރުމުގެ މަގު ތަނަވަސްކޮށްދެވިގެން ކަމުގައެވެ. އޭނާ މި ކަން އިޢުލާނުކުރައްވާފައި ވަނީ، ޙައްޖުގެ މައިގަނޑު ރުކުންތައް ކަމުގައިވާ ޢަރަފާތު ބިމުގައި މަޑުކުރުމާއި، މުޛްދަލިފާގައި ރޭކުރުމާއި، އަދި މިނާގައި ޖަމްރާތަކަށް ހިލައުކުމުގެ ރުކުންތައް ކާމިޔާބުކަމާއެކު ފުރިހަމަކުރެވުމާ ގުޅިގެންނެވެ.

އަމީރު ސުޢޫދު ވިދާޅުވީ، މި އަހަރުގެ ޙައްޖު މޫސުން ކާމިޔާބުވީ ސަޢޫދީ ޢަރަބިއްޔާގެ އިސްވާރުންގެ ފުރިހަމަ އެއްބާރުލުމާއި އިރުޝާދުގެ ދަށުން، ފުޅާ ދާއިރާގައި ކުރެވުނު ތައްޔާރީތަކާއި، ވަސީލަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމާއި، ރޭވުންތެރިކަމާއެކު ހުރިހާ އިންތިޒާމުތަކެއް ތަންފީޒުކުރުމުގެ ހުރިހާ މަރުޙަލާއެއް މެދުނުކެނޑި މޮނިޓަރުކޮށް ބެލެހެއްޓުމުގެ ސަބަބުން ކަމުގައެވެ. މީގެއިތުރުން، މި އަޅުކަމުން ރަމްޒުކޮށްދެނީ، މާތް ﷲ ގެ މެހުމާނުންނަށް ޚިދުމަތްކުރުމަށާއި، އަމާން، އިންތިޒާމުތައް ހަމަޖެހިފައިވާ އަދި ރަނގަޅަށް ބެލެހެއްޓޭ މާޙައުލެއްގައި ދީނީ ފަރުޟުތައް އަދާކުރުމުގެ ފުރުޞަތު ޙައްޖުވެރިންނަށް ކަށަވަރުކޮށްދިނުމަށް ސަޢޫދީ ސަރުކާރުން ބަހައްޓަމުންދާ އަހުމިއްޔަތުކަން ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މި ޙައްޖު މޫސުމުން ފެނިގެންދިޔައީ މާތް ﷲ ގެ މެހުމާނުންނަށް ޚިދުމަތްކުރުމުގައި އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރާ ޤައުމެއްގެ ތަސައްވުރު،" އަމީރު ސުޢޫދު ވިދާޅުވިއެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ މުގައްދަސް ބިންތަކުން ފެނިގެންދިޔަ މަތީ ދަރަޖައިގެ އިންތިޒާމުތަކާއި އެއްބައިވަންތަކަމަކީ ޙައްޖުގެ ކަންކަމުގައި ޝާމިލުވާ ސަރުކާރުގެ އެކި އިދާރާތަކާއި މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ޙައްޖު މޫސުމުގެ ކާމިޔާބީއަކީ ނިމުމެއް ނޫން ކަން ފާހަގަކުރައްވައި އަމީރު ސުޢޫދު ވިދާޅުވީ، މިއީ ކުރިއަށް އޮތް ޙައްޖު މޫސުމުގެ ތައްޔާރީތައް ފެށުން ކަމުގައެވެ. އަދި، ޙައްޖުވެރިންނަށާއި މުޅި އިސްލާމީ އުންމަތަށް ޚިދުމަތްކުރުމުގައި ސަޢޫދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން އިސް ދައުރެއް ދެމެހެއްޓުމަށް ޓަކައި މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.