ޚަބަރު

މަރުހޫމް ޢަބްދުލްޢަޒީޒު މުޙައްމަދުގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ


  • އައްޑޫ ނޫރާނީ ސްކޫލުގައި އިނގިރޭސިބަހުގެ ޓީޗަރެއްގެ ގޮތުގައި އުޅުއްވި

  • ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި

ޢަބްދުލްޢަޒީޒު މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޢަބްދުލްޢަޒީޒު މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ، ފުވައްމުލައްސިޓީ، ފުނާޑު، ރިޔާޒް (ހުސްނުހީނާގެ)، އަލްމަރްޙޫމް ޢަބްދުލްޢަޒީޒުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ޢަބްދުލްޢަޒީޒު މުޙައްމަދަކީ، ޚިދުމަތްތެރި ތަޢުލީމީ ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ، ހުނަރުވެރި ކުޅަދާނަ ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ.

ވަކިން ޚާއްސަކޮށް 1960ގެ އަހަރުތަކުގައި، އައްޑޫ ނޫރާނީ ސްކޫލުގައި އިނގިރޭސިބަހުގެ ޓީޗަރެއްގެ ގޮތުގައި އެތައް ކުއްޖަކަށް އުނގަންނައިދެއްވުމާއި އޭގެފަހުން ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައިވެއެވެ.

އަދި އެބޭފުޅާއަކީ، ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރު ކުރެއްވުމުގައި ދިގުމުއްދަތެއް ވަންދެން އުޅުއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.

ރައީސްގެ ޕޯސްޓު ނިންމަވާލެއްވީ، މަރްޙޫމް ޢަބްދުލްޢަޒީޒު މުޙައްމަދު ވަކިވެވަޑައިގަތުމަކީ، ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ގެއްލިދިޔުންކަން ފާހަގަކުރައްވާ، މަރުޙޫމަށް މާތްﷲގެ ރުއްސެވުމާއި ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.