ދެކުނުގެ ހަތަރު އަތޮޅު ވައިގެމަގުން ގުޅާލުމަށް ފެށި މަޝްރޫޢުގެ ކާމިޔާބީއަށް ބަލައި، އުތުރުގެ ތިން އަތޮޅު ވައިގެ މަގުން ގުޅާލުމުގެ އަމަލީ މަސައްކަތް ސަރުކާރާ ގުޅިގެން ފަށާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.
އިޔާސް މިހެން ވިދާޅުވީ، ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، ދެކުނު ކަނެކްޓިވިޓީ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އެތެރޭގެ އުދުހުންތައް ލުއިފަސޭހަކުރުމަށް ފެއްޓެވި މުހިންމު މަސައްކަތެއް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން މިއަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ދަތުރުތައް ފަށާފައިވާ ކަމަށް އިޔާސް ވިދާޅުވިއެވެ.
އިޔާސް ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުގެ މެދުގައި ކުރާ މި ދަތުރުތަކުގައި ބޭނުންކުރަނީ 15 ގޮނޑީގެ ޓްވިންއޮޓާ މަރުކާގެ ބޯޓުތައް ކަމަށާއި، ކޮންމެ ދުވަހަކު ގަމުން ފުވައްމުލަކަށް، އަދި ފުވައްމުލަކުން ކޫއްޑޫ ނުވަތަ ކާޑެއްދޫއަށް ދަތުރުތައް ކުރާ ކަމަށެވެ. މީގެ އިތުރުން ގަމަށް ބައިނަލްއަޤުވާމީ ދަތުރުތައް ކުރާ ސްރީލަންކަން އެއާލައިންސްގެ ފްލައިޓްތަކާ ގުޅުވައިގެން ބައެއް ދުވަސް ދުވަހު ދެ ދަތުރުވެސް ބާއްވާ ކަމަށް އިޔާސް ވިދާޅުވިއެވެ.
މި ދަތުރުތަކަށް ލިބޭ ތަރުހީބަށް އަލިއަޅުވާލައްވަމުން އިޔާސް ވިދާޅުވީ، މިހާތަނަށް 2900 އަށްވުރެ ގިނަ ފަސިންޖަރުން މި ޚިދުމަތް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިހާރު ދަތުރުތައް ކުރިއަށްދަނީ 70 އިންސައްތަ އަށްވުރެ މަތީގެ ލޯޑު ފެކްޓާއެއްގައި ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިފައިވާ ކަމަށް އިޔާސް ވިދާޅުވިއެވެ. އަދި މި ކާމިޔާބީއަށްފަހު އުތުރުގެ އަތޮޅުތައް ގުޅާލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"4 އަތޮޅު މިއޮތީ ހަމަ ވައިގެ ނެޓްވޯކަކުން ވަރަށް ރަނގަޅަށް ގުޅާލެވިފައި. އެހެންމެ މި ދަތުރުގެ ކާމިޔާބީއަށް ބަލާފައި އަޅުގަނޑުމެން މިހާރު ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުން މިދަނީ ހަމަ މިގޮތަށް އުތުރުގެ ތިން އަތޮޅު ގުޅުވާލަން. އެގޮތަށް ހއ. ހދ. އަދި ށ. ގުޅާލުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް އެއީ މިއަހަރު ފަހުކޮޅު އުތުރުގެ ތިން އަތޮޅުވެސް މިގޮތަށް ގުޅާލުން." އިޔާސް ވިދާޅުވިއެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދަތުރު ކުރުމަށް ލުއިފަސޭހަ ނިޒާމެއް ޤާއިމްކުރުމަކީ، ސަރުކާރުގެ އަމާޒެކެވެ. މިގޮތުން ވައިގެ މަގުންނާއި، ކަނޑުގެ މަގުން ގުޅާލުމުގެ މުހިންމު ގިނަ މަސައްކަތްތެއް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން ދަނީ، މަސައްކަތްތަކެއް ކުރަމުންނެވެ.