ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ ކީވޯލް ނުވަތަ މަގަތު ފާލަމާއި އެ ސަރަހައްދުގެ ޕޭވިންގ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، ކެޕްޓަން ހުސެއިން ޝަފީގެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ މި ހަވާލުކުރި 100 މީޓަރުގެމަގަތު ފާލަމާއި 6،775 އަކަ މީޓަރުގެ ސަރަހައްދުގެ ޕޭވިންގ މަސައްކަތަކީ ތިލަފުށީގައި ތަރައްޤީކުރާ ޕޯޓުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް މިވަގުތު ތަރައްޤީކުރާ ސަރަޙައްދެކެވެ. ނަމަވެސް، ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފުރިހަމަވުމުން، މި ސަރަހައްދު ބޭނުންކުރާނީ އެމް.ޕީ.އެލްގެ އުޅަނދުތަކަށް ޚާއްސަ ކުރެވޭ "ސަރވިސް ކީ" އެއްގެ ގޮތުގައިކަމަށް އެމްޕީއެލުން ވިދާޅުވިއެވެ.
ކްލިއަރަންސް އޮޕަރޭޝަންސްތަކަށް އެ ސަރަހައްދު ބޭނުންކުރަން ފެށުމުން، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުން ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންސްގެ ބޮޑު ބައެއް މި ސަރަހައްދަށް ބަދަލުކުރެވޭނެކަމަށާއި، މިއީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި މިހާރު ފޯރުކޮށްދެމުންދާ ކްލިއަރަންސްގެ ޚިދުމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލިބޭނެ ބޮޑު ލުޔެއްކަމަށް އެމްޕީއެލުން ވިދާޅުވިއެވެ.
120 ދުވަސް ތެރޭ ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫޢުގައި ހިމެނޭ ކްލިއަރަންސް ސަރަހައްދުގެ ކީވޯލް ތަރައްޤީކުރަނީ 18 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ. އަދި ސަރަހައްދު ޕޭވްކުރުމާއި އެކަމާ ގުޅުންހުރި ހުރިހާ މަސައްކަތެއް ހިމެނޭހެން މަޝްރޫޢޫގެ ޖުމްލަ އަގު 154 މިލިއަން ރުފިޔާއަށް އަރައެވެ.
ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ބަނދަރުގެ އެކި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދާކަމަށާއި، އަމާޒަކީ 2027ވަނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުށި ބަނދަރު ޚިދުމަތަށް ހުޅުވާލައި، މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އައު ބަނދަރަށް ބަދަލުކުރުންކަމަށް އެމްޕީއެލުން ވިދާޅުވިއެވެ.
އެގޮތުން، ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އަދި ސާރވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ، ސީ.އެޗް.އީ.ސީއަށް މި އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފައިވާއިރު، އެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.