މ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މި މަހުގެ ފަހުކޮޅު ފެށުމަށް ނިންމާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރަށްތައް ހައިސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެޚިދުމަތްދެނީ އެމްޓީސީސީ މެދުވެރިކޮށެވެ. ރައްޔިތުންނަށް ފެންވަރު ރަނގަޅު، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފަށާފައިވާ މި ޚިދުމަތް މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ ފަށާފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ޚިދުމަތް ފުޅާކުރުމެވެ.
#Highlights of the RTL Ferry awareness session we held at M.Mulah. We would like to extend our gratitude to the Mulah Council, school and SOEs on the island for their help and cooperation with this session. #RTLFerry #ConnectingRaajje #RayyithungeKunfuni pic.twitter.com/Xzvl6GeQxu
— MTCC Plc (@MTCCPlc) June 2, 2026
އާރްޓީއެލްގ ފެރީގެ ޚިދުމަތަކީ އާންމު ދަތުރުފަތުރާއި، ޞިއްޙީ ޚިދުމަތް ފަދަ ޒަރޫރީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ. ޚާއްޞަކޮށް، އަތްފޯރާފަށުގައި އަގުތައް ހުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
މ. އަތޮޅުގައި މި ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް، ޚިދުމަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ދަނީ ބާއްވަމުންނެވެ.
މ. އަތޮޅުގެ އިތުރުން ދެން މި ޚިދުމަތް ފެށުމަށް ބާކީ އޮތީ ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ މި ނިޒާމުން ގުޅާލުމަށެވެ.