މަސްވެރިންނަށް ޚާއްސަ އަގެއްގައި ދޫކުރާ ތެޔޮ ދ. މީދޫއިންވެސް މިހާރު ލިބޭނެކަަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، އޭގެ ސީދާ އަސަރު ރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް، މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް މަސްވެރިންނަށް ލުއިފަސޭހަ މަގުތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާ އެއްގޮތަށް ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިކަމުގެ ސިނާއަތަށް ލޮޅުން ނާންނަގޮތަށް ކުރިއަށް ގެންދިއުމެވެ. މި މަޤުޞަދުގައި، މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
މަސްވެރިންނަށް ޚާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ 4 ސަރަހައްދަކުންކަަމަށެވެ. އެހެންނަމަވެސް މިހާރު އިތުރު 10 ސަރަހައްދަކުން ތެޔޮ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އެންމެ ފަހުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ ދ. މީދޫގައެވެ. އެގޮތުން މިހާރު ދ. އަތޮޅު 2 ރަށަކުން ލިބޭނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިހާރު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުވަނީ ރ. އަތޮޅާއި ތ. އަތޮޅުގައެވެ.
ސަރުކާރުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދާއިރު، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު ދަނީ ދޫކުރަމުންނެވެ. 50 ފޫޓާއި، 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯއިން ދޫކުރަމުންދާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މަސްވެރި އުޅަނދުތަކަށް އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ މަގު ފަހިވުމުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ޚަރަދުތައް ކުޑަވެ، މަސްވެރިންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 2.5 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފައިވާ ކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.