ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި


  • ސޮއިކުރުން ކުރިއަށް ދިޔައީ ހެނދުނު 10:30އިން މެންދުރު 13:30އަށް

  • ޖުމްލަ 4،121 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވޭ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފިއެވެ.

ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ މިއަދުގެ 10:30 އިން މެންދުރު 13:30އާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާއި ބެހޭ މަރުކަޒުގައިއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ، އައްޑޫގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށްފައެވެ. އެގޮތުން ޖުމްލަ 4،121 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ، މާލޭގައި 2 ފޮށި އަދި އައްޑޫގައި 5 ފޮއްޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޢަބްދުﷲ ޞާދިޤެވެ.