ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) މެންބަރު ޤައުމުތަކުގެ ދިފާޢީ ބަޖެޓު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން އެމެރިކާއިން އަނެއްކާވެސް ނޭޓޯއާއި ވިލާތުގެ ޤައުމުތަކަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. މި ގޮތުން، ނޭޓޯގެ މެންބަރުންނަށް ފާޑުވިދާޅުވެ އެންމެ ފަހުން ވާހަކަފުޅު ދައްކަވާފައި ވަނީ އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު، ސިނގަޕޫރުގައި ކުރިއަށްދިޔަ ޝަންގްރިލާ ޑައިލޮގުގައި ތަޤުރީރު ކުރައްވަމުންނެވެ. ހެގްސެތުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ވިލާތުގެ ޤައުމުތަކުގެ ދިފާޢީ ދާއިރާގެ އިސްވާރުން ވަނީ، ނޭޓޯ އިއްތިޙާދު ބަދަހިކޮށް ދެމިއޮތް ކަން ދެއްކެވުމަށް މަސައްކަތް ކުރައްވާފައެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ޒަމާންްވީ ނުތަނަވަސްކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ހެގްސެތު ވަނީ އޭޝިޔާގެ ޤައުމުތަކުން ދިފާޢީ ބަޖެޓު ބޮޑުކޮށް، އަސްކަރީ ދާއިރާއަށް ކުރާ ހޭދަ އިތުރުކުރަމުންދާތީ އެ ކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި، ބަދަލުވަމުންދާ މަޞްލަޙަތާއެކު އެމެރިކާއާއި އޭޝިޔާގެ ޤައުމުތަކުން އެއްވެސް "ޑްރާމާއަކާ ނުލައި" ޙާލަތާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުންދާ ކަން ފާހަގަކުރައްވައި، އޭނާ ވަނީ ވިލާތުގެ ހުޅަނގުގެ ޤައުމުތަކުން ވެސް އެ ގޮތަށް އަމަލުތައް ބައްޓަންކުރަންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
ވިލާތުގެ ޤައުމުތަކުން ދިފާޢަށް ކުރާ ހޭދަ، އެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ %3.5 އަށް އިތުރު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ބާރުއަޅުއްވަމުންނެވެ. އަދި، އީރާނާ ދެކޮޅަށް އޭނާ ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައަށް ނޭޓޯގެ މެންބަރު ޤައުމުތަކުން އެއްބާރުލުން ނުދިނުމުން، ޓްރަމްޕް ވަނީ ޖަރުމަނުވިލާތުގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން 5,000 ސިފައިން އެ ޤައުމުން ބޭލުމަށް ނިންމަވާފައެވެ. ނަމަވެސް، މިއީ ކުރިން ރޭވިގެން ނިންމާފައިވާ ނިންމުމެއް ކަމުގައި ނޭޓޯގެ އަސްކަރީ ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ. އަދި، ދިފާޢީ ކަންކަން ހަރުދަނާކުރުމަށް ބަރލިނުން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ޖަރުމަނުވިލާތުގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލަކު ވެސް ވިދާޅުވިއެވެ.
ޝަންގްރިލާ ޑައިލޮގުގައި ވާހަކަފުޅު ދައްކަވަމުން ފަރަންސޭސިވިލާތުގެ ދިފާޢީ ވަޒީރު ވަނީ އޭޝިޔާގެ ޤައުމުތަކުގެ އިތުބާރު ނޭޓޯއަށް އޮތް ކަމުގައި ވިދާޅުވެ، އޭގެ މައިގަނޑު ސަބަބަކީ، ޔޫކްރެއިންގެ މިނިވަންކަން ދިފާޢުކުރުމަށް ނޭޓޯއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ކަމުގައި ފާހަގަކުރައްވާފައެވެ. ނޯވޭގެ ދިފާޢީ ވަޒީރު ވެސް ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް އަލިއަޅުއްވައިލައްވާފައެވެ. މި ގޮތުން، އުތުރު ކޮރެޔާގެ ސިފައިން ރަޝިޔާގެ ފައުޖުތަކާ އެކު ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަން ފާހަގަކުރައްވައި، އޭނާ ވަނީ އެޓްލާންޓިކް ސަރަޙައްދާއި އިންޑޯ-ޕެސިފިކް ސަރަޙައްދަކީ ވަކިނުކުރެވޭނެ ދެ ސަރަޙައްދު ކަމުގައި ސިފަކުރައްވާފައެވެ.
ނޭޓޯގެ މެންބަރު ޤައުމުތަކާއި ޓްރަމްޕްގެ ސަރުކާރާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެ ކަން ޙައްލުކުރުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މި ގޮތުން، ވޮޝިންގޓަނާއި ނޭޓޯ އަދި އޭޝިޔާގެ ޤައުމުތަކާ ދެމެދު ގާތް ގުޅުންތަކެއް އޮތްކަމުގެ ޔަގީންކަން ސެނެޓުގެ މެންބަރު ޓެމީ ޑަކްވަރތު ދެއްވިއެވެ. ނަމަވެސް، ޔޫކްރެއިންގެ ކުރީގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ވިލާތުގެ ޤައުމުތަކަކީ މުހިންމު ބައިވެރިއެއް ކަން ކަށަވަރުކޮށްދެވޭނެ ގޮތްތައް އެ ޤައުމުތަކުން ދަސްކުރަންޖެހޭ ކަމުގައެވެ.