އެމެރިކާއިން އަނެއްކާވެސް ޙަމަލާދީ، ހަނގުރާމަ އަލުން ފަށައިފިނަމަ، އިރާނު ދިފާޢުކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާ ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް، އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުނެފިއެވެ.
އައިއާރުޖީސީގެ ތަރުޖަމާނު، ސަރުދާރު މުޙައްބީ ވިދާޅުވީ، އެމެރިކާއިން އަނެއްކާވެސް ހަނގުރާމަ ފަށައިފިނަމަ، ހުރިހާ ޙާލަތަކަށް އީރާނުގެ އަސްކަރިއްޔާ ތައްޔާރަށް އޮތް ކަމަށެވެ.
މިގޮތުން، މިދިޔަ ފެބްަރުއަރީ މަހުގެ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް މި ޣައިރުޤާނޫނީ ހަނގުރާމަ ފެށި އިރު އޮތް ވަރަށް ވުރެ، އީރާނުގެ އަސްކަރީ ޤާބިލުކަން މިހާރު ވަރުގަދަކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ނެންގެވީ، އެމެރިކާގެ އަސްކަރިއްޔާގެ ފުރިހަމަ ބާރު ބޭނުންކޮށްގެން ވެސް، ހަނގުރާމަ އާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅީގެ ބާރު ނެގުމަށް އެމެރިކާއަށް ކުރިމަތިވެފައިވާ ނާކާމިޔާބީއެވެ.
މިދިޔަ އޭޕްރީލް މަހުގެ 8ވަނަ ދުވަހުން ފެށިގެން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުން ދިޔަ ނަމަވެސް، ދޭތެރެދެތެރެއިން ދެ ފަރާތުން ވެސް ވަނީ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވައިގެ ޙަމަލާތައް ދީފައެވެ.
ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން ދާއިމީކޮށް، ހަނގުރާމަ ނިމުމަކަށް ގެންނަން ޕާކިސްތާނު މެދުވެރިވެގެން، އީރާނާއި އެމެރިކާ އާ ދެމެދު ދަނީ ސުލްޙައިގެ މަޝްވަރާތައް ކުރެވެމުންނެވެ.
ނަމަވެސް، އެ މަޝްވަރާތަކަށް އަދި މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
މަޝްވަރާތަކުގެ ތެރެއިން މި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަސައްކަތް ކުރެވެމުންދިޔަ ނަމަވެސް، އީރާނު އަދިވެސް އޮތީ ތައްޔާރީ ޙާލަތުގައި ކަމަށް އީރާނުގެ ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.