އދގެ އާންމު މަޖިލީހުގެ އިޤްތިސާދީ އަދި މާލީ ކޮމިޓީގެ މުޤައްރިރުގެ ނައިބުގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ. އދގެ މައި މަރުކަޒުގައި ބޭއްވި އިންތިޚާބުގައި މިމަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވީ، އާންމު މަޖިލީހުގެ އިއްތިފާޤުންނެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، އާންމު މަޖިލީހުގެ އިޤްތިސާދީ އަދި މާލީ ކޮމިޓީގެ މުޤައްރިރުގެ ނައިބުގެ މަޤާމުގައި ދިވެހިރާއްޖެ ތަމްސީލު ކުރާނީ ރާއްޖެއިން އދއަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ، ޙުސައިން އަޛްހާން މުޙައްމަދު ޙުސައިން ކަމަށެވެ. އދގެ އާންމު މަޖިލީހުގެ 81 ސެޝަންގައި، ކޮމިޓީގެ މަސައްކަތްތައް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ކޮމިޓީގެ މުޤައްރިރާއި، ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ޚަރިޖިއްޔާއިން ވިދާޅުވިއެވެ. އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ކުރިއަށްދާނީ، 2026 ސެޕްޓެމްބަރއިން 2027 ސެޕްޓެމްބަރާއި ހަމައަށެވެ.
The Maldives elected Vice-Chair of the Economic and Financial Committee of the UN General Assembly
— Ministry of Foreign Affairs 🇲🇻 (@MoFAmv) June 2, 2026
📃 Press Release | https://t.co/cqinb1zvuv pic.twitter.com/9rQYO3wVHJ
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މިމަޤާމަށް ރާއްޖެއިން އިންތިޚާބުވުމުން ހާމަވަނީ އދގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރާ އިތުބާރު ކަމަށެވެ. އަދި ރާއްޖެ މި މަޤާމަށް އިންތިޚާބުވެފައިވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ބައިނަލްއަޤްވާމީ މައިދާނުގައި ހިމާޔަތް ކުރުމަށް ދިވެހިރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.
އިޤްތިސާދީ އަދި މާލީ ކޮމިޓީ ނުވަތަ "ސެކަންޑް ކޮމިޓީ"އަކީ، އދގެ އާންމު މަޖިލީހުގައި ހިމެނޭ މައިގަނޑު ހަ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދެމެހެއްޓެނިވި ތަރައްޤީއާއި، އިޤްތިޞާދު ކުރިއެރުމާ ގުޅުންހުރި މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން އދގެ މަސައްކަތްތައް ބައްޓަން ކުރުމެވެ.