ރާއްޖޭގައި މިހާރު ފެށިގެން ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ މެޗްޑޭ-1 ގައި، ދިވެހިރާއްޖެއިން އަފްޣާނިސްޠާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު، މި މެޗު ބެލި ގިނަބަޔަކު ދައްކަމުންދަނީ އެއް ވާހަކައެކެވެ.
މި މެޗުގައި، ފަހު 10 މިނެޓުގެ ތެރޭގައި އަފްޣާނަށް ކާމިޔާބުކުރެވުނު ލަނޑާއެކު، މެޗުގައި މޮޅަށް ކުޅެމުންދިޔަ ރާއްޖެއަށް ނާކާމިޔާބީއާ ކުރިމަތިވީ ނަމަވެސް، މެޗުގައި ދިވެހި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ، މިފަހުގެ ތާރީޚުގައި ދިވެހި ޓީމުގެ ފަރާތުން ފެނިގެންދިޔަ އެންމެ މޮޅު ކުޅުންކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.
މުޅި މެޗުގެ ކޮންޓްރޯލް ނަގައި، އެޓޭކިން މޮޅު ގޭމެއް ކުޅުނީ ދިވެހި ޓީމުންނެވެ. މެޗުގައި ދިވެހި ޓީމުގެ މެދުތެރެއިން ފެނުނީ ތަޖުރިބާއާއި ހުނަރުވެރިކަމުން ގުޅިލައި މެހިފައިވާ ބަދަހި ބާރެއްގެ ގޮތުގައެވެ.
ކަން މިހެން އޮތްނަމަވެސް މުޅި މެޗުގައި ވެސް އެންމެ ބޮޑު ތަފާތެއް ދެއްކީ ރާއްޖޭގެ ޑިފެންސްލައިނުންނެވެ. ރޭވުންތެރިކަމާއި ޖެހިލުންކުޑަކަމުގެ މިސާލެއްގެ ގޮތުގައެވެ. "ކޮމްޕެކްޓް"، ފޫއަޅުވާލަން އުނދަގޫވި ވަރުގަދަ ޑިފެންސްލައިނެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ.
ޑިފެންސްލައިނުން ވެސް އެންމެ ފާހަގަކޮށްލެވުނީ މީގެ އަހަރެއްހައި ދުވަސް ކުރިން ސީނިއަރ ޤައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދި، ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ ޒުވާން ސެންޓްރަލް ބެކް، ޙަސަން އީނާޒެވެ.
މެޗަށްފަހު، މި މެޗު ބެލި އެތައް ބަޔަކު އެ މީހުންގެ ޝުއޫރުތައް މީސްމީޑިއާގެ އެކި މަންސަތަކަށް ބަންޑުންކޮށްލިއެވެ. ގިނަބަޔަކު ދެއްކީ އީނާޒްގެ ކުޅުމުގެ ވާހަކައެވެ. ޖެހިލުންކުޑަކަމުގެ ވާހަކައެވެ. ކޮންމެ ހަމަލާއެއް ހުއްޓުވުމުގައި އޭނާ ދެއްކި ސާބިތުކަމުގެ ވާހަކައެވެ.
އީނާޒްގެ ހުނަރުވެރިކަމާއި، "ޑިފެންސިވް އެވެއާނެސް" ގެ ވާހަކައެވެ. ދިފާޢީ ވަގުތު ތަކުގައި، ދިފާޢީ ފާރެއްގެ ގޮތުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ވާހަކައެވެ.
އުމުރުން އަދި 30 އަހަރުވެސް ނުފުރޭ ޙަސަން އީނާޒްއަށް ޤައުމީ ސްކޮޑުން އެންމެ ފުރަތަމަ ޖާގަ ލިބުނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެއިން ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެފަހުން ކުޅުނު ޓިމޯ ލެސްޓޭ މެޗުގެ ސްކޮޑު ލިސްޓުގައި ވެސް އޭނާ ހިމެނުނެވެ.
އެހެންނަމަވެސް، އޭރު ދަނޑުމަތީގައި އޭނާގެ ހުނަރު ދައްކާލަން އެކަށީގެންވާ ފުރުސަތު ލިބޭގޮތެއް ނުވިއެވެ. ތަޖުރިބާގެ ގޮތުން އަދި ފަހަކަށް އައިސް ގައުމީ ސްކޮޑުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިން ފިޓުކޮށް ތިބުމާއެކުއެވެ.
އީނާޒް އަކީ ދިވެހިންގެ މެދުގައި މަގްބޫލް ކުޅުންތެރިއަކަށް ބަދަލުވެގެންދިޔައީ، މިފަހަރުގެ މުބާރާތުގައި ލިބުނު ފުރުސަތާއެކުއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މުބާރާތަށް ކޯޗު އިސްޓަވާން އުރުބާނީ އެކުލަވާލި 32 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި އީނާޒް ހިމެނިފައެއް ނުވެއެވެ. އެ ސްކޮޑުން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރެއިން ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައިވާއިރު، ބެލެވޭ ގޮތުގައި ކޯޗު އުރުބާނީގެ ފައިނަލް ސްކޮޑުން އީނާޒަށް ފުރުސަތު ލިބުނީ އެ މެޗުތަކުގައި އޭނާ ދެއްކި ކުޅުމަށް ބަލާފައެވެ.
ރާއްޖޭގެ ކެޕްޓަން ސަމޫޙު އަލީއާއި އިތުބާރު ޑިފެންޑަރު މުޙައްމަދު އިރުފާން އަނިޔާގައި ހުރުމުގެ ސަބަބުން، ޓީމަށް ބަދަލުތަކެއް ގެނެސް، ޑިފެންޑަރަކު ހޯދަން ކޯޗު އުރުބާނީ މަސައްކަތް ފެށިއިރު، އީނާޒް ވެގެންދިޔައީ މިވަގުތަށް ދިވެހި ޓީމަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަށެވެ. އޭނާ ހަމައެކަނި ސްކޮޑުން ޖާގަ ހޯދީއެއް ނޫނެވެ. ފުރަތަމަ 11 ގައި ހިމެނި، މުޅި މެޗު ވެސް ކުޅުނެވެ.
އީނާޒް ސާބިތުކޮށްދިނީ އޭނާއަކީ ބެންޗުގައި ބައިންދަންޖެހޭ ވަރު ކުޅުންތެރިއެއް ނޫންކަމެވެ. އޭނާ ސާބިތުކޮށްދިނީ މި ދީބުގެ ހައްގުގައި، މި ގައުމުގެ ޝަރަފައްޓަކައި ދަނޑުމަތީގައި އޭނާ ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނެކަމެވެ. ރާއްޖޭގެ ގޯލަށް ނުރައްކާކުރަން އަންނަ ކޮންމެ ކުޅުންތެރިއަކަށް ވެސް، ސާބިތުކަމާއި، ހިކުމަތްތެރިކަމާއެކު ހުރަސް އެޅުމުގައި، ވަރުގަދަ އަޒުމެއްގައި ދެމިހުންނާނެކަމެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި އަފްޣާނިސްތާނާ ދެކޮޅަށް ކުޅެ ރާއްޖެ ހަނި ގޮތަކަށް ބަލިވި ނަމަވެސް، މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ރާއްޖެއަށް މުބާރާތުގައި ކުރިއަށް ދެން އޮތީ ޕާކިސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ހަވީރެވެ.