ޚަބަރު

ޕޮއިންޓު ގެއްލުނީ ފުރުޞަތުގެ ބޭނުން ނުހިފުމުން: އަފްޣާން ކޯޗު


  • ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުކަން ފާހަގަކުރި

  • މެޗު އޮފިޝަލުންގެ ބައެއް ނިންމުންތަކާ މެދު ސުވާލު އުފެއްދި

ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރޭ އަފްޣާނިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގައި އަފްޣާން ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ، ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތައް ނިންމާނުލެވުން ކަމަށް، އެޓީމުގެ ކޯޗު ހޯސޭ އެންޓޯނިއޯ ނޮގުއެއިރާ ބުނެފިއެވެ.

ވަކިން ޚާއްސަކޮށް ފުރަތަމަ ހާފުގައި އަފްޣާން ޓީމަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުކަން، މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ނޮގުއެއިރާ ފާހަގަކުރިއެވެ. ނަމަވެސް މި ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ފައިދާ ނަގައިގެން ބަންގްލަދޭޝް ޓީމުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކުރިކަން ނޮގުއެއިރާ ފާހަގަކުރިއެވެ.

"މިއަދު ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނީ އުނދަގޫ މެޗެއް. ފުރަތަމަ ހާފުގައި އަހަރުމެން ވަރަށް ރަނގަޅަށް އެމީހުން ޕްރެސްކުރިން. ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީވެސް އަހަރުމެން. ފުރަތަމަ ހާފުގައި އަހަރުމެންނަށް ކުޅެވުނު އެންމެ ރަނގަޅަކަށް ކުޅެވޭތޯ މަސައްކަތްކުރިން. އެކަމަކު މައްސަލައަކަށްވީ ގޯލެއް ނުޖެހުނުކަން. ދެވަނަ ހާފުގައި އެމީހުން އަހަރުމެނަށްވުރެ ރަނގަޅަށް ކުޅުނު..." ކޯޗު ނޮގުއެއިރާ ބުންޏެވެ.

ކޯޗުގެ ވާހަކައިގައި ބަންގްލަދޭޝްގެ ޒުވާން ޓީމުގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެއެވެ. އެގޮތުން، ފުރަތަމަ ހާފުގައި އަފްޣާން ޓީމުން ރަނގަޅަށް ކުޅެފައިވީނަމަވެސް، ދެވަނަ ހާފަށް ނުކުތްއިރު ބަންގްލަދޭޝް ޓީމުން ފެނިގެންދިޔަ ބުންވަރާއި ކުޅުންތެރިންގެ ޓެކްނީކަށް އަފްޣާން ކޯޗު ވަރަށް ބޮޑަށް ތައުރީފުކުރިއެވެ.

ދެވަނަ ހާފުގައި ބަންގްލަދޭޝް ޓީމުން ރަނގަޅަށް ކުޅެން ފެށުމާއި، އަފްޣާން ކުޅުންތެރިން ވަރުބަލިވެފައި ތިބުމާވެސް އެކު ޓީމަށް ބަދަލުތަކެއް ގެނެސް، ކުޅުން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރިކަން ކޯޗު ފާހަގަކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފަހު 10 ވަރަކަށް މިނެޓުގައި ޓީމު އަލުން ހަމައަކަށް އެޅި، ރަނގަޅަށް ކުޅެފައިވާކަންވެސް ކޯޗު ފާހަގަކުރިއެވެ. ނަމަވެސް، އެވަގުތުކޮޅު ތެރޭގައި ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ފުރުސަތެއްގެ ބޭނުން ނުހިފުނުކަންވެސް ކޯޗު ފާހަގަކުރިއެވެ.

ކޯޗުގެ ވާހަކައިގައި ވަނީ މެޗުގައި ހިނގައިދިޔަ ބައެއް ކަންކަން ފާހަގަކޮށް، މެޗުގެ އޮފިޝަލުންގެ ނިންމުންތަކާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން، މެޗުގައި އަފްޣާން ޓީމުން ބޯޅަ ގޯލުތެރެއަށް ފޮނުވާލާފައި ވީނަމަވެސް އެއީ އޮފްސައިޑު ގޯލެއް ކަމަށް ލައިންސްމަން ނިންމަވާފައި ވާތީ އެކަމާމެދު ކޯޗު ސުވާލު އުފެއްދިއެވެ.

"މައްސަލައަކީ އަހަރުމެނަށް ގޯލެއް ނުޖެހުނުކަން. ދެން، މެޗުގައިވީ ބައެއް ކަންކަމާމެދުވެސް ސުވާލު އެބަހުރި. މެޗުގެ ވީޑިއޯ ބަލާލަން ބޭނުން. (ފުރަތަމަ ކަމަކަށް) އެއީ އޮފްސައިޑު ގޯލެއްތޯ، ނޫންތޯ. އަހަރުމެން ވަރަށް ރީތި ގޯލެއް ޖެހިން. އެއީ އޮފްސައިޑެއް ކަމަށް އަހަންނަށް ގަބޫލެއް ނުކުރެވޭ. އެކަމަކު ފަހަރެއްގަ އަހަންނަށް ގޯސްކޮށް ހީވީ ކަމަށްވެސް ވެދާނެ. ދެވަނަ ކަމަކަށް، ނަބީޒާދާ އާ ދެކޮޅަށް ކުރި ފައުލް. އެންމެނަށްވެސް އެނގޭނެ، ބްރެޒިލްގަ ތިބި މީހުނަށް ދާންދެން އެނގޭނެ އެއީ ފައުލެއްކަން. އެތާނގަ ރެފްރީ ހެދީ ވަރަށް ބޮޑު ގޯހެއް. މިކަހަލަ ކަންކަން ތަކުރާރުކޮށް ފެންނަން ބޭނުމެއް ނޫން." ކޯޗު ބުންޏެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ލިބޭ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގެ ދެވަނަ ދުަވަހުގެ ކުޅުމަށްށްފަހު ޕޮއިންޓު ތާވަލް އެތުރިފައިވާ ގޮތަށް ބަލާއިރު، ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓާއެކު، ފައިދާ ގޯލުން އަފްޣާނުގެ މައްޗަށް ކުރި ހޯދައިގެން އެއްވަނައިގައި އޮތީ ޕާކިސްތާނެވެ. ދެވަނައިގައި އަފްޣާން ވެސް އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ބަންގްލަދޭޝްއަށް އެއް ޕޮއިންޓު ލިބިފައިވާއިރު ރާއްޖެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

އެހެންކަމުން ލީގު ބުރުގެ ފަހު މެޗުތަކުގައި ބަންގްލަދޭޝްއަށް ރާއްޖޭގެ މައްޗަށް މޮޅެއް ހޯދައިގެން ފައިނަލްގެ ފުރުސަތު ލިބެން އޮންނާނެއެވެ. އަދި ޕާކިސްތާނާއި އަފްޣާން ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އެއިން ކޮންމެ ޓީމަކަށް ވެސް ފައިނަލުގެ ފުރުސަތު ހޯދެން އެބައޮތެވެ.