ކުޅިވަރު

މެސީ އާއި ރޮނާލްޑޯ އަދި އެއް ވޯލްޑް ކަޕް ކުޅެފާނެތަ؟


އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ އެތައް ގޮތަކުން ހާއްސަ މުބާރާތެކެވެ. ތިން ގައުމެއްވެގެން މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގައި މުބާރާތް ބޭއްވި ނަމަވެސް ތިން ގައުމުގެ މެދުގައި ގުޅުމެއް ނެތެވެ. އިންތިޒާމްތައް އެންމެ އަގުބޮޑު މުބާރާތަކީ މިއީ އެވެ. ދަތުރު ފަތުރު ކުރުމާއި އެނޫން ގިނަ ކަންކަމުގައި ތުރާތައް ގިނަ އެވެ. އެކަމަކު އެންމެ ގިނަ ބައެއްގެ ނަޒަރު ހުރީ ވަކިވަކި ކުޅުންތެރިންނަށެވެ. މި ފަހަރުގެ މުބާރާތުގައި 40 އަހަރުން މަތީގެ ހަތް ކުޅުންތެރިން ކުޅޭއިރު މިއީ މަޝްހޫރު ބައެއް ކުޅުންތެރިންގެ ފަހު މުބާރާތަށްވުން ގާތެވެ.

ރޮނާލްޑޯގެ ކާމިޔާބީ އަކީ ފިޓްނަސް

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގެ އެންމެ ވަރުގަދަ ބާރަކީ އޭނާގެ ފިޓްނަސް އެވެ. އުމުރުން 41 އަހަރުވީ އިރު ވެސް އިހުހުރި ފެންވަރުގައި އޭނާގެ ހަށިގަނޑު ތަރުބިއްޔަރު ކުރުމުގެ ނަތީޖާ އަކީ އަދިވެސް ދުނިޔޭގެ އެންމެ އިތުބާރު ބޮޑު އެއް ކުޅުންތެރިޔާ އަށް އޭނާ ވުމެވެ. މި ސީޒަނުގައި އޭނާ ވަނީ ސައޫދީ އަރަބިއާގެ އައް ނަސްރަށް 37 މެޗުން 30 ގޯލު ޖަހައިދީފަ އެވެ. ޕޯޗުގަލް އަށް އޭނާ ޖަހައިދީފައިވާ ގޯލުގެ އަދަދަކީ 143 އެވެ.
މި ފަހަރުގެ މުބާރާތުގައި އޭނާ އަކީ ދެ ވަނަ އަށް އެންމެ މުސްކުޅި ކުޅުންތެރިޔާ އެވެ. އަދި މިއީ އޭނާގެ ހަވަނަ ވޯލްޑް ކަޕެވެ. ކެރިއަރުގައި ހާސިލްނުވެ އޮތް ހަމައެކަނި ކަމަކީ ވޯލްޑް ކަޕް އުފުލާލުމެވެ. މި ހުވަފެން ކުލަކުރަން ލިބޭނެ ފަހު ފުރުސަތަކީ މިއީ ކަމަށް ހުދު އޭނާ ވެސް ގަބޫލު ކުރެ އެވެ.

އާޖެންޓީނާގެ ހިތަކީ މެސީ:

ރޮނާލްޑޯ ފަދައިން މިއީ މެސީގެ ވެސް ހަ ވަނަ ވޯލްޑް ކަޕެވެ. ތަފާތަކީ މެސީ މުބާރާތަށް ދަނީ ހަތަރު އަހަރު ކުރިން އުފުލާލި ތަށި ދިފާއު ކުރުމަށް ކަމަށްވާތީ އެވެ. މެސީ އަކީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އަނިޔާގެ މައްސަލަތައް ދިމާވި ނަމަވެސް އޭނާ އެމެރިކާގައި ކުޅެމުންދިއުމުގެ މައިގަނޑު ބޭނުމަކީ ވެސް ވޯލްޑް ކަޕަށް ތައްޔާރުވުމެވެ. މި ފަހަރުގެ ވޯލްޑް ކަޕުގައި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ވުމުގެ ފުރުސަތު ވެސް މެސީ އަށް އެބައޮތެވެ. މި މުބާރާތަށް ފަހު އުމުރުން 39 އަހަރުގެ ފޯވަޑް ދެން ވޯލްޑް ކަޕުން ނުފެންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ އަކީ ދެކުނު އާޖެންޓީނާގެ ސަޕޯޓަރުންގެ ހިތްތަކުގެ ވިންދެވެ.

ލޫކާ މޮޑްރިޗް: އިހުގެ ފަންވަރު އެބަހުރިތަ؟

2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލް ކުޅެ 2022ގެ ތިން ވަނަ ހޯދީ އޭނާގެ ކެޕްޓަން ކަމުގަ އެވެ. 2018ގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އުމުރުން 40 އަހަރުގެ މިޑްފީލްޑަރުގެ އެ ފަންވަރު މިހާރު އޭނާގެ ކިބާގައި ހުރިތޯ ސުވާލު އުފެއްދިޔަސް ކްރޮއޭޝިޔާގެ ހުރިހާ އުއްމީދެއް ގުޅިފައިވާ ކުޅުންތެރިއަކީ މޮޑްރިޗެވެ. އޭސީ މިލާނުގެ މިޑްފީލްޑަރު މުބާރާތަށް އެދަނީ ކޯކަށިގަނޑު ހަލާވުމުން ދާފި ފަހުން އޮޕަރޭޝަނެއް ކުރުމަށްފަހު އެވެ. މިހެންވެ ފަސް ވަނަ ވޯލްޑް ކަޕުގައި އޭނާ ކުޅޭނެ ރޯލަކާމެދު އޮތީ އިންތިޒާރު ކޮށްލުމެވެ.

ނޭމާ ޖޫނިއާ:

އުމުރުން 34 އަހަރުގައި ނޭމާ ބްރެޒިލް ޓީމަށް ނެގީ ސީދާ ވޯލްޑް ކަޕަށެވެ. އަނިޔާގައި ހުއްޓަސް އޭނާ ގެންދަން ޖެހުނީ ސަޕޯޓަރުންގެ ޕްރެޝަރާއި ސްޕޮންސަރުންގެ ބާރު އެޅުމުގެ ސަބަބުންނެވެ. މިއީ އޭނާގެ ހަތަރު ވަނަ މުބާރާތެވެ. ފިޓްނަސްއާ ހަނގުރާމަ ކުރަން ޖެހުމުން މުބާރާތުގެ ފުރަތަމަ މެޗު ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތެވެ. ނޭމާގެ އުއްމީދަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މިފަހަރުގެ މުބާރާތަށްދާ ބްރެޒިލް ޓީމަކީ މީގެ ކުރިން އޭނާ ކުޅުނު ތިން މުބާރާތަށްދިޔަ ޓީމަށްވުރެ މޮޅު ޓީމެކެވެ. އެކަމަކު މިކަން ނުވެއްޖެނަމަ ދެން މިފަދަ ފުރުސަތެއް ނޭމާ އަށް ލިބުން ވަރަށް ދުރެވެ. ސަބަބަކީ 2030 އަންނައިރު އޭނާ އަށް 38 އަހަރު ފުރޭނެތީ އެވެ. ކުޅުންތެރިޔާގެ އަހުލާގު ހުރި ގޮތުން މިހިސާބަށް އޭނާ ފުޓްބޯޅަ ދަނޑުގައި ހުންނާނެ ކަމަށް ގިނަ ބަޔަކު ޝައްކު ކުރެ އެވެ.

މެނުއަލް ނޯޔާ:

ޖަރުމަނަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދީ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުކަން ހޯދީ ނޯޔާ އެވެ. އެއަށްފަހު ވޯލްޑް ކަޕުގައި ޖަރުމަނުގެ ނަތީޖާތައް ގޯހުން ގޯހަށް ދިޔައިރު އެންމެ ފަހުގެ މުބާރާތުގައި ނޯޔާ ވެސް ފެނުނީ އާދައިގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިފަހަރުގެ މުބާރާތަށް އޭނާ ގެންނަން ޖެހުނީ މަޖުބޫރު ވެގެންނެވެ. ގައުމީ ޓީމުން ރިޓަޔާކޮށްގެން ހުއްޓައި ކޯޗު އޭނާ ގެނައީ ޓީމުގައި ދެންތިބި ކީޕަރުންނަށް އިތުބާރު ނުކުރެވިގެންނެވެ. އުމުރުން 40 އަހަރުގެ ނޯޔާ މުބާރާތަށް ފަހު އަނެއްކާ ވެސް ގައުމީ އަންގި ބާލާނެ ކަމަށް ބެލެވެ އެވެ.

މުހައްމަދު ސަލާހް:

އުމުރުން މިހާރު 33 އަހަރުގެ މުހައްމަދު ސަލާހަކީ މިސުރުގެ ކެޕްޓަނެވެ. ނަމަވެސް މިހާރު އެއީ ލިވަޕޫލްގައި އިނގިރޭސި ލީގު ފަތަހަ ކުރި ސަލާހެއް ނޫނެވެ. މިއަށްވުރެ އޭނާގެ ރަންދުވަސްތައް އޮބާލައިފި އެވެ. މި ފަހަރުގެ ވޯލްޑް ކަޕް ސަލާހަށް މުހިންމު ވަނީ މިސުރަކީ ގަވާއިދުން މުބާރާތް ކުޅޭ ގައުމަކަށް ނުވާއިރު ވޯލްޑް ކަޕުގައި ވިދާލަން އިތުރު ފުރުސަތެއް ނުލިބިދާނެތީ އެވެ. ވޯލްޑް ކަޕުގައި މިސުރު އުއްމީދު ކުރާފަދަ ކުޅުމެއް އަދި އޭނާ އަކަށް ނުދެއްކެ އެވެ.

ކެވިން ޑްބްރޭނާ

ބެލްޖިއަމްގެ ކެޕްޓަނަށް ވޯލްޑް ކަޕް ފެށޭއިރު 35 އަހަރު ވާނެ އެވެ. ގިނަ ބަޔަކު ދެކެނީ ޒުވާން އުމުރުގައި ނުވި ކަމެއް ކުރެވޭ ވަރަށްވުރެ ޑެބްރޭނާގެ ކިބާގައި މިހާރު ހަކަތަ ނެތް ކަމަށެވެ. ހާއްސަކޮށް ބެލްޖިއަމްގެ ރަންޖީލާއެކު ލިބުނު ފުރުސަތުތައް ނަގާލެވިފައިވާތީ އެވެ. މި ފަހަރުގެ މުބާރާތަކީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވުން ގާތެވެ. ޑެބްރޭނާ އުއްމީދު ކުރަނީ މި ވޯލްޑް ކަޕް ހަނދާން ފޮހެނުލެވޭނެ މުބާރާތަކަށް ހެދުމަށެވެ.

ވާޖިލް ވެންޑައިކް:

ލިވަޕޫލްގެ ކެޕްޓަން ވެންޑައިކަކީ ޔޫރަޕުގައި ހުރި އެންމެ ވިދުންގަދަ އެއް ޑިފެންޑަރެވެ. ކުލަބު ލެވެލްގައި ކިތަންމެ ކާމިޔާބެއް ހޯދި ނަމަވެސް އޭނާ ފަދަ ކުޅުންތެރިއަކަށް ގައުމީ ޖާޒީގައި ވީ ކަމެއް ނެތެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް އަދި މީގެ ދެ އަހަރު ކުރިން ޔޫރޯގެ ސެމީ އަށް ދިޔަ ނަމަވެސް މިއަށްވުރެ ދުރަށް ފިޔަވަޅެއް އަޅައިގެން މެނުވީ އޭނާ އުއްމީދު ކުރާ ފަދަ ހަނދާނީ މުބާރާތެއް ނުލިބޭނެ އެވެ. ވެންޑައިކްގެ އުމުރުން މިހާރު 35 ވަނީ ވެފަ އެވެ. މިހެންވެ ހަތަރު އަހަރު ފަހުން ވޯލްޑް ކަޕުން އޭނާ ފެނުން ދުރުކަން އަމިއްލަ އަށް ވެސް ގަބޫލު ކުރެ އެވެ.

ސާދިއޯ މާނޭ:

މަދު ކުޅުންތެރިއެއްގެ ފަރާތުން މެނުވީ ނުފެންނާނެ ކަމެއް އޭނާ ކުރި އެވެ. އުމުރު މަތިވަމުން ދިއުމާއެކު މިދިޔަ ޖަނުއަރީ މަހު އެފްރިކާ ކަޕް ސެނަގާލް އަށް ހޯދައިދިނުމަށްފަހު ނިންމީ އެ މުބާރާތުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށެވެ. މުޅި ގައުމު އެކަމާ ދެކޮޅު ހެދި އެވެ. ނަމަވެސް އަދި އެނިންމުން އޮތީ އެ ގޮތަށެވެ. މިހެންވެ ގަބޫލު ކުރެވެނީ 34 އަހަރުގެ ފޯވަޑް މި ވޯލްޑް ކަޕަށް ފަހު ކުޅުން ހުއްޓާލާނެ ކަމަށެވެ. އެފްރިކާގެ ޗެމްޕިއަންކަން ދެ ފަހަރު ސެނެގާލަށް ހޯދައިދިން ކުޅުންތެރިޔާ ފުށުން އެ ގައުމު އުއްމީދު ކުރަނީ ވޯލްޑް ކަޕުގައި ބޮޑު ކާމިޔާބީ އަކަށެވެ.

ގިޔޭރްމޯ އޮޗޯއާ:

ގައުމީ ޓީމަށް ނުކުޅެ ހުންނަތާ އަހަރުތަކެއް ފަހުން 41 އަހަރުގެ ކީޕަރު މެކްސިކޯގެ ގޯލަށް އޭނާ ގެނައީ ޒުވާން ކީޕަރުންނަށް އިތުބާރު ނުކުރެވިގެންނެވެ. މިއީ އޮޗޯއާގެ ހަ ވަނަ ވޯލްޑް ކަޕެވެ. މި ފަހަރުގެ މުބާރާތަށް ފަހު ދެން އޭނާ ގައުމީ ޓީމަށް ނުކުޅޭ އެވެ. މުބާރާތް އަމިއްލަ ފަސްގަނޑުގައި ބާއްވާއިރު އޭނާގެ ތަޖުރިބާ މެކްސިކޯ އަށް މުހިންމު ކުއްލި އަކަށެވެ.

އެޑިން ޒެކޯ:

މެންޗެސްޓާ ސިޓީގައި އޭނާ އަކީ މޮޅަށް ކުޅުނު ފޯވަޑެކެވެ. ގައުމީ ޓީމަށް 148 މެޗުން 73 ގޯލު ޖަހާދީފައިވާ ޒެކޯގެ އުމުރުން މިހާރު 40 އަހަރެވެ. ވޯލްޑް ކަޕުގައި ކުޅެން އޭނާ ބޭނުންވީ މާގިނަ ކާމިޔާބީތަކެއް ލިބޭނެ ކަމަށް ނޫނެވެ. ގައުމަށް އަލަށް ލިބުނު ފުރުސަތެއްގައި ވޯލްޑް ކަޕް ކުޅުމުގެ ޝަރަފު ލިބިގަތުމަށެވެ.

މި ކުޅުންތެރިންގެ އިތުރުން ވެސް ކޮރެޔާގެ ސޮން އާއި ކޮލޮމްބިއާގެ ހާމޭސް ރޮޑްރިގޭޒް އާއި ސްވިޒަލޭންޑްގެ ގްރަނިތް ޝަކާ ފަދަ ކުޅުންތެރިންނަކީ މި ފަހަރުގެ މުބާރާތަށް ފަހު ދުނިޔޭގެ އެންމެ މަތީ ފުޓްބޯޅަ ސްޓޭޖުން ދެން ފެނުން ދުރު ކުޅުންތެރިންނެވެ.