ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، އޭގެ ސަބަބުން ޞިއްޙީ އެތައް ގެއްލުމަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އާންމުކޮށް ފެތުރޭ ގައިންގަޔަށް އަރާ ބަލިތައް ފެތުރުމުގެ ސަބަބުތަކުގެ ތެރޭގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހިމެނޭކަން ސިއްޙީ މާހިރުން ފާހަގަކުރައްވައެވެ.
ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ އެކި ބަލިތަކާއި، ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކަށް އިންސާނުން ހުށަހެޅޭ މައިގަނޑު އެއް ސަބަބަކީ، ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. ޚާއްސަކޮށް ކުޑަކުދިންނަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުން އެތައް ގުނައެއް ބޮޑުކަން ސިއްޙީ މާހިރުން ފާހަގަކުރައްވައެވެ.
ސިނގިރެޓް ބުއިމާއި، އެހެނިހެން ގޮތްގޮތުން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ގިނަ ފަހަރު އެއަށް ދެވިހިފައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވުމަށް އުނދަގޫވެއެވެ.
މިކަމާއި ގުޅިގެން ދުންފަތާއި ދުރު މުޖުތަމަޢެއް ބިނާކުރުމަށް އަދުގެ ސަރުކާރުން ދަނީ، މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދުކުރުމަށް ސަރުކާރުން އިފްތިތާޙު ކުރި 5 އަހަރުގެ ޤައުމީ ކެމްޕެއިން ފާހަގަކޮށްލެވެއެވެ.
މި ކެމްޕެއިން އިފްތިތާޙު ކޮށްފައިވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 4 ވަޒީރުން ބައިވެރިވެ ވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
"ފަސް އަހަރަށް މި ކެމްޕެއިން ލޯންޗު ކުރެވިފައިވަނީ، ކުރުމުއްދަތެއްގައި ނާތީޖާ ހާސިލުކުރެވޭނެ ފަދަ ކަމެއްނޫން ދުންފަތު އިސްތިއުމާލު ކުރުމަކީ. އެހެންވީމަ މިފަދަ ކަމެއްގައި ކެމްޕެއިނެއް ރޯލު އައުޓް ކުރެވިގެންދާއިރު ސަރުކާރާއި، ރައްޔިތުންނާޢި، ޖަމިއްޔާ ޖަމާޢަތްތަކާއި، ރައްޔިތުންގެ ބައިވެރިވުންވެސް ވަރަށް މުހިންމުވާނެ. މިހާތަނަށް ދިވެހިރާއްޖެއިން ކޮށްފައި ހުރި މިފަދަ ކޮންމެ ކަމެއްގައިވެސް ދިވެހި ރައްޔިތުންގެ ބައިވެރިވުން ވަރަށް ސާބިތުކަމައިއެކު ދައްކުވައިދީފައި އެބަހުރި." ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދުކުރުމަށް ހިންގާ 5 އަހަރު ދުވަހުގެ ޤައުމީ ކެމްޕެއިންގެ ތެރެއިން އެކި ދާއިރާތަކުން އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމާއި، ތަފާތު އެކި އިނާޔަތްތަކާއި ލުއިތައް ދިނުމަށް ސަރުކާރުން ނިންމަވާފައިވެއެވެ.
އެގޮތުން ތަޢުލީމީ ދާއިރާއިންނާއި، ކުޅިވަރާއި، ޒުވާނުންގެ ދާއިރާގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރު ކުރުމަށް އެކި ހަރަކާތްތައް ހިންގުމާއި، ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދުކުރުމަށް ސަރުކާރުން ޤައުމީ ކެމްޕެއިނެއް އިފްތިތާހްކޮށްފައިވާއިރު ދުންފަތުގެ ނުރައްކާތެރި ވަބާއިން އަދުގެ މުޖުތަމަޢު ސަލާމަތްކޮށް، މުޖުތަމަޢުގެ ޙާލަތު ބަދަލުކުރުމަށް މި ސަރުކާރުން މިހާތަނަށްވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ދުންފަތުން ނަގާ ޑިއުޓީ ބޮޑު ކުރުމާއި، ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ، 18 އަހަރުގެ ބަދަލުގައި 21 އަހަރުގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ، އޭގެ ނުރައްކާ މިންވަރު އެނގޭނެ ޞިއްޙީ އިންޒާރަކާއެކު ކަމަށް ކަނޑައަޅާފައިވެއެވެ. މީގެއިތުރުން 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި، އެކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަންވެސް ވަނީ ފަށާފައެވެ.
އަދުގެ މުޖުތަމަޢުގެ ޙާލަތު ރަނގަޅުކޮށް، ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. އެގޮތުން ސަރުކާރުން ކުރައްވާ މަސައްކަތްތަކާއެކު، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ޖެހެއެވެ.