އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތާއި ގުޅިގެން ފީފާއިން ކްލަބްތަކަށް ދޭންޖެހޭ ބަދަލު މިފަހަރު 355 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
ފީފާއިން ކްލަބްތަކަށް ދޭ މިފައިސާއަކީ ވާރލްޑް ކަޕްގައި ވާދަކުރާ ޤައުމީ ޓީމުތައް ތަމްސީލް ކުރުމަށްޓަކައި ކްލަބްތަކުން ކުޅުންތެރިން ދޫކުރާނީ އެކަމުގެ ބަދަލުގެ ގޮތުގައި ދޭ ފައިސާއެވެ. އެހެން ފަހަރު ތަކާއި ހިލާފަށް މިފަހަރު ފީފާއިންވަނީ ކޮލިފައިންގ މެޗުތަކަށް ކުޅުންތެރިން ދޫކޮށްދޭތީ އެކަމަށްވެސް ކްލަބްތަކަށް ފައިސާ ދޭން ނިންމާފައެވެ.
މިކަމުގެ ސަބަބުން މިފަހަރުގެ ވާރލްޑް ކަޕްގައި ވާދަކުރާ ކުޅުންތެރިން ނިސްބަތްވާ ކްލަބްތަކަށް މިލިއަނުން ފައިސާ ލިބިގެންދާނެއެވެ. ފީފާ ކްލަބް ބެނެފިޓް ޕްރޮގްރާމަކީ 2010 ވަނަ އަހަރުގެ ވާރލްޑް ކަޕް މުބާރާތުން ފެށިގެން ކްލަބްތަކަށް ދެމުންދާ ބަދަލެކެވެ. ނަމަވެސް މިފަހަރު ފީފާއިން މިވަނީ ކޮލިފައިންގ މެޗުތައްވެސް ހިމަނަށް ނިންމާފައެވެ. 2022 ވަނަ އަހަރުގެ މުބާރާތާއި ގުޅިގެން ފީފާއިން މިކަމަށް ހޭދަކޮށްފައިވަނީ 209 މިލިއަން އެމެރިކާ ޑޮލަރެވެ.
މި ޕްރޮގްރާމްގެ ދަށުން ފީފާއިން ކްލަބްތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ކުޅުންތެރިއަކަށް ވަކިވަކިން މުބާރާތުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ވަކި އަދަދެއް ކަނޑައަޅައިގެންނެވެ. އެހެން ކަމުން ވާރލްޑް ކަޕްގައި އެކުލަބަކަށް ނިސްބަތްވާ ކުޅުންތެރިން ގިނަވުމާއި އެކުޅުންތެރިން މުބާރާތުގައި ދަތުރު ކުރާ ހިސާބަކާއެކު އެކްލަބަކަށް ލިބޭ ފައިދާގެ އަދަދު އިތުރު ވެގެންދާނެއެެވެ.
ފީފާއިން ހޭދަކުރުމަށް ކަނޑައަޅާފައިވާ 355 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 250 މިލިއަން ކަނޑައަޅާފައިވަނީ ސީދާ މުބާރާތާއި ގުޅިގެން ކްލަބްތަކަށް ދޭންޖެހޭ ބަދަލުތަކުގެ ބައި ފުރިހަމަ ކުރާށެވެ. ބާކީ އޮތް އަދަދުގެ ތެރެއިން 100 މިލިއަން ހާއްސަ ކުރެވިފައިވަނީ ކޮލިފައިންގ މެޗުތަކަށެވެ. އަދި ބާކީ 5 މިލިއަން ހަމަޖައްސާފައިވަނީ އެޑްމިނިސްޓްރޭޓިވް ހަރަދު ތަކަށެވެ.
ފީފާއިން ހަމަޖައްސާފައިވާގޮތުން ކޮންމެ ކުޅުންތެރިއަކުވެސް މުބާރާތަށް އެކުޅުންތެރިއެއް ދޫކުރާ ދުވަހުން ފެނިގެން ވާރލްޑް ކަޕްގައި އެކުޅުން ތެރިއެއް ނިސްބަތްވާ ޓީމެއް އެންމެ ފަހު މެޗު ކުޅޭ ދުވަހާއި ޖެހިގެން އޮންނަ ދުވަސް ހިމަނައިގެން ކޮންމެ ދުވަހަކަށް އެކްލަބަކަށް ފީއެއްގެގޮތުގައި ފަސް ހާސް އެމެރިކާ ޑޮލަރު ދޭން ޖެހެއެވެ.
ކޮލިފައިންގ މެޗުތަކަށް ބަލާލާއިރު އެޓީމުން މެޗު ކުޅޭ ދުވަހުގެ ސްކޮޑްގައި ކުޅުންތެރިޔާ ހިމެނޭނަމަ އެމެޗަކަށް ދެހާސް ތިންސަތޭކަ ފަސްދޮޅަސް ދެ އެމެރިކާ ޑޮލަރު ފީ އެއްގެ ގޮތުގައި ކްލަބަށް ލިބެން ޖެހެއެވެ. 2022 ވަނަ އަހަރުގެ މުބާރާތުގައި ފީފާއިން ކުޅުންތެރިޔަކަށް ދުވަހު ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވީ ދިހަ ހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރެވެ.
މިފަހަރުގެ ފީ ކުރީ މުބާރާތަށްވުރެ ދެ ބައިކުޅަ އެއްބައި ކުޑަވި ނަމަވެސް މިފަހަރު ކުރާ ހޭދަ ބޮޑުވެގެން ގޮސްފައިވަނީ ވާދަކުރާ ޓީމް ތަކާއި މެޗުތަކުގެ އަދަދު އިތުރު ވުމާއެކު މުބާރާތް ކުރިއަށްވުރެ ގިނަ ދުވަހަށް ދެމިގެންދާތީއެވެ.
ކްލަބް ތަކުން ކުޅުންތެރިން ދޫކުރުމަށް ފީފާއިން ކަނޑައަޅާފައިވާ ފަހު ތާރީހަކީ 25 މެއި ކަމުން އެދުވަހުން ފެށިގެން ގްރޫޕް އޭގެ ޓީމްތަކުން އެންމެ ފަހު މެޗު ކުޅޭ ދުވަހާއި ޖެހިގެން އަންނަ ދުވަހާއި ހަމައަށް ކުޅުންތެރިޔަކަށް އެންމެ މަދުވެގެން ފީފާއިން ސަތޭކަ ފަސްދޮޅަސް ހާސް އެމެރިކާ ޑޮލަރު އެކުޅުންތެރިޔާ ނިސްބަތްވާ ކްލަބަކަށް ދޭންޖެހެއެވެ. އަދި ފައިނަލަށް ދަތުރުކުރާ ޓީމެއްގެ ކުޅުންތެރިއެއް ނިސްބަތްވާ ކްލަބަކަށް ފީފާއިން ދުއިސައްތަ އަށްޑިހަ ހާސް އެމެރިކާ ޑޮލަރު ދޭން ޖެހޭނެއެވެ.
މިފަހަރުގެ މުބާރާތުގައި އެއް ކްލަބަކަށް އެންމެ ގިނަ ކުޅުންތެރިން ނިސްބަތްވަނީ އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށެވެ. އެއީ ނަވާރަ ކުޅުންތެރިންނާއެކުއެވެ. މިލިސްޓުގެ ދެވަނައިގާ އުޅެނީ އަށާރަ ކުޅުންތެރިންނާއި އެކު ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔޭން މިޔުނިކެވެ.
ތިންވަނައިގާ ސޯޅަ ކުޅުންތެރިންނާއިއެކު ދެ ޓީމެއް ހިމެނެއެވެ. އެއީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި ދެ ޓީމު ކަމަށްވާ ފްރެންޗް ލީގު އާންގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޕެރިސް ސެއިންޓް ޖާމެއިން އާއި އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަނުން އާސެނަލްއެވެ. މިލިސްޓުގެ ފަސްވަނައިގާ އުޅެނީ 15 ކުޅުންތެރިންނާއި އެކު ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއެވެ.