ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މިހާތަނަށް 280 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިންތިޚާބުގައި ޖުމްލަ ވޯޓުލުމުގެ ހައްޤު 4121 މީހަކަށް ލިބެއެވެ. މީގެ ތެރެއިން 9:00 ޖެހުމާ ހަމައަށް ޖުމްލަ 280 މީހުން ވަނީ ވޯޓުލާފައެެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ 6.79 އިންސައްތައެވެ. ވޯޓުލާފައިވަނީ 155 ފިރިހެނުންނާއި 125 އަންހެނުން ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 4121 މީހަކަށް ލިބިގެންވެއެވެ. އެއީ 2073 އަންހެނުންނާއި 2048 ފިރިހެނުންނަށެވެ.
ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00 ޖެހިއިރުވަނީ ފަށާފައެވެ. ވޯޓުލުން ބަންދުވާނީ ހަވީރު 4:00 ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ.