ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ އައު އޮފީސް އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، މާލޭގައި ބިނާކުރާ އެ ކުންފުނީގެ ފުރަތަމަ އަމިއްލަ އޮފީސް އިމާރާތުގެ %50 މަސައްކަތް ނިމިފައިވާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، އެންމެ ދެ މަތިންދާބޯޓުން ފެށި އޮޕަރޭޝަން މިއަދު 26 މަތިންދާބޯޓަށް ފުޅާވެފައިވާ ކަމަށެވެ. އަދި އަހަރަކު 50,000 އަށްވުރެ ގިނަ ފްލައިޓު އޮޕަރޭޓްކޮށް، މިލިޔަނަކަށްވުރެ ގިނަ ފަތުރުވެރިން އުފުލާ އެއާލައިނަކަށް މޯލްޑިވިއަންވެ، ކުންފުނީގެ މުވައްޒަފުންގެ އަދަދުވެސް 1400 އަށްވުރެ އިތުރުވެފައިވާކަން އިޔާސް ފާހަގަކުރެއްވިއެވެ.
އިޔާސް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ދިގު މުއްދަތުގައި ކުންފުނީގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވަނީ މާލޭގެ އެކި ތަންތަން ކުއްޔަށް ނަގައިގެން ވަރަށް ދަތި ހާލަތެއްގައެވެ. މިކަމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ޚަރަދުތަކެއް ކުލީގެ ގޮތުގައި ހޭދަކުރަންޖެހުންކަން ފާހަގަކުރައްވާ، މިކަމަށް ހައްލެއް ހޯދުމަށް އޮފީސް އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުނުކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ބިންގާ އެޅި މި އިމާރާތުގެ މަސައްކަތަށް އަލިއަޅުވާލައްވާ އިޔާސް ވިދާޅުވީ، މިހާރު މި އިމާރާތުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ.
"ވަރަށް މުހިންމު މަސައްކަތެއް މިއީ. އެހެންމަ އަމަލީ މަސައްކަތް ކުރިއަށްދާއިރު މިހާތަނަށް މި މަސައްކަތުގެ %50 މަސައްކަތް ފުރިހަމަކޮށް އިމާރާތުގެ ސްޓްރަކްޗާ އެއްކޮށް މިވަނީ ނިންމާލާފަ. އެހެންމަ އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު މިވަނީ ނިންމާލާފަ، އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރުގެ ފަހުކޮޅު ނިމޭހިސާބުގައި މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވި ހުޅުވުމަކީ އަޅުގަނޑުމެންގެ އަމާޒު." އިޔާސް ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކުންފުންޏާއެވެ. އެކުންފުންޏާއެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ބިނާކުރެވޭ މި އިމާރާތުގެ ބިމުގެ ބޮޑުމިނަކީ 4745 އަކަފޫޓެވެ.
މީގެ އިތުރުން، މި އިމާރާތުގައި ބޭސްމެންޓް ހިމެނޭހެން ޖުމްލަ 12 ފަންގިފިލާއެއް ހުންނާނެއެވެ. އަދި އިމާރާތުގެ ބޭސްމެންޓް ޚާއްސަކުރެވިފައިވަނީ މުވައްޒަފުންގެ ޕާކިންގއަށް ކަމަށާއި، ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރެވިގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއްވައެވެ.