ޚަބަރު

ޕްރިމިއަރ ލީގު ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ހުރާ އަދި ގްރީން ސްޓްރީޓްސް


  • ޕްލޭއޮފް ފަށާނީ ޖޫން 8ގައި

  • ޕްލޭއޮފް އިން ހަތަރު ޓީމު ޕްރިމިއަރ ލީގަށް ކޮލިފައިވާނެ

  • އަތޮޅުތަކުން ކޮންމެވެސް އެއް ޓީމަކަށް ޖާގަ ޔަގީންވާނެ

އަންނަ ސީޒަނުގައި ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާ ޓީމުތައް ކަނޑައެޅުމަށް ކުޅޭ ޕްލޭއޮފް މެޗުތައް އަންނަ ހޯމަ ދުވަހު ފަށާއިރު، ފުރަތަމަ މެޗުގައި ކ. ހުރާއާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރަން ޖެހިއްޖެއެވެ.

ދިވެހި ލީގުގެ ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ވާދަކުރާނެއެވެ. އެއީ ފުރަތަމަ ޑިވިޝަނުން ޕްލޭއޮފްގައި ކުޅެން ޖެހުނު ޓީސީ ސްޕޯޓްސް ކުލަބާއި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން މާލޭ ރީޖަނަލް ލީގު ނުވަތަ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ބިސްބުރު ސްޕޯޓްސް ކުލަބާއި ސެންޓްރަލް ލީގުގެ ޗެމްޕިއަން ހުރާ، ނޯތު ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ އަދި ސައުތު ލީގުގެ ޗެމްޕިއަން ގދ. ގައްދޫއެވެ.

ޕްލޭއޮފްގެ ގަވައިދުގައިވާ ގޮތުން މި ހަ ޓީމުގެ ތެރެއިން، އަންނަ ސީޒަނުގެ ދިވެހި ލީގުން ހަތަރު ޓީމަކަށް ފުރުސަތު ލިބޭނެއެވެ. މިއާއެކު އަންނަ ސީޒަނުގެ ދިވެހި ލީގުގައި ވާދަކުރާ ޖުމްލަ ޓީމުގެ އަދަދު 10އަށް އަރާނެއެވެ.

މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ޕީއެސްއެމް ޓީވީ ބިލްޑިންގައި ބާއްވާފައިވާއިރު، ޕްލޭއޮފްގެ ފުރަތަމަ މެޗުގައި މި ދެ ޓީމު ކުޅޭ މެޗު އޮންނާނީ ހޯމަ ދުވަހުގެ ހަވީރު 04:00 ގައެވެ.

އެރޭގެ މެޗުގައި ބައްދަލުކުރާނީ ގދ، ގައްދޫއާއި ހއ. ދިއްދޫއެވެ. ޕްލޭއޮފްގެ ތިންވަނަ މެޗުގައި އަންގާރަ ދުވަހު ބައްދަލުކުރާނީ ބިސްބުރު ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބެވެ.

ޕްލޭއޮފް ކުރިއަށްދާނީ ލީގު އުސޫލުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭގޮތަށް، އެންމެ މަތިން ޕޮއިންޓު ހޯދާ ހަތަރު ޓީމަކަށް ދިވެހި ލީގުން ފުރުސަތު ލިބޭ ގޮތަށެވެ.

ޕްލޭއޮފްގެ ފަހު މެޗުޑޭ އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

ފުޓުބޯޅައިގެ ބޭނުމަށް ރާއްޖެ ހަތަރު ރީޖަނަކަށް ނުވަތަ ސަރަހައްދަކަށް ބަހާލައި، ލާމަރުކަޒީ އުސޫލުން ފުޓުބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރަމުން އަންނަނީ ކާމިޔާބު މަސައްކަތްތަކެކެވެ. އެގޮތުން ރާއްޖެ ބަހާލީ އެންމެ އުތުރުގެ އަތޮޅުތައް ވަކި ލީގެއް، މާލެ ސަރަހައްދަށް ވަކި ލީގެއް އަދި މެދުރާއްޖެ ތެރެއަށް ވަކި ލީގެއްގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ވަކި ލީގެކެވެ.

ކޮލިފިކޭޝަން ފަށާފައިވަނީ އަތޮޅުތަކަށް ޙާއްސަ، އެޓޯލް ޗެމްޕިއަންޝިޕުންނެވެ. ލީގު ޕްލޭއޮފްގެ ޖާގަތައް ހޯދާފައިވަނީ އަތޮޅު ލީގަށްފަހު ކުޅުނު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމުތަކުންނެވެ.