ޚަބަރު

ބައި-އިލެކްޝަންގައި މިހާތަނަށް %62 މީހުން ވޯޓުލައިފި


  • ހަތަރެއް ޖެހުމާ ހަމައަށް 2563 މީހުން ވަނީ ވޯޓުލާފައިވޭ

  • އެއީ 1193 ފިރިހެނުންނާއި 1370 އަންހެނުން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މިހާތަނަށް 62.19 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން ހަވީރު 16:00 ޖެހުމާ ހަމައަށް ޖުމްލަ 2563 މީހުން ވޯޓުލާފައިވާކަމަށެވެ. އެއީ 1193 ފިރިހެނުންނާއި 1370 އަންހެނުންނެވެ.

މިއިންތިޚާބުގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބެއެވެ. އެއީ 2073 އަންހެނުންނާއި 2048 ފިރިހެނުންނަށެވެ.

ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00 ޖެހިއިރު ފަށައި 4:00 ޖަހާއިރަށް ނިންމަން އޮތްނަމަވެސް ވޯޓުލުމުގެ ވަގުތު މިހާރުވަނީ ފަހެއް ޖެހުމާ ހަމައަށް އިތުރުކޮށްފައެވެ. ވޯޓުލުމުގެ ގަޑ އިތުރުކޮށްފައިވަނީ ވޯޓުގެ ކިއުތައް ދިގުވުމުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ.