މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިފްކޯއިން މިއަދު މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފިއެވެ. މިއަދު މިފްކޯއިން މަސް ގަންނަނީ، 18.50 އަށެވެ.
މަސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، މަހަށް ހަމަ އަގު ނުލިބުމެވެ. މިކަމަށް ޙައްލެއް ގެނެސްދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމަތު ދެއްވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވީ، ސަރުކާރުން ގެންދަވަނީ، މަސްވެރިންނަށް ވީހާވެސް ރަނގަޅުވާނޭހެން މަސްވެރިންގެ އަތުން މަސްގަތުމަށް ކަމަށެވެ.
އެގޮތުން މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރެއްކަން ފާހަގަކުރައްވާ އަނަސް ވިދާޅުވީ، މިފްކޯއިން މަސް ގަންނަ އަގަށް މިދުވަސްކޮޅު ބަދަލު ގެންނަމުންދާނެ ކަމަށެވެ. މަސް ގަންނަ އަގު ބިނާވަނީ، ޑިމާންޑާއި ސަޕްލައިއަށް ކަމަށާއި، މިދުވަސްވަރަކީ، މަސްވެރިކަން ދަށް ދުވަސްވަރެއް ކަމުން މަސް ގަންނަ އަގު މިހާރަށްވުރެ ރަނގަޅުވުންވެސް އެކަށީގެންވާ ކަމަށް އަނަސް ވިދާޅުވިއެވެ.
މިފްކޯއިން މިއަދު މަސް ގަންނަ ބަނދަރުތަކާއި އަގުތައް pic.twitter.com/MxfTUOjqXP
— MIFCO (@mifcomv) June 7, 2026
މިފްކޯއިންވަނީ، މަސްވެރިންގެ އަތުން މަސްގަންނަ އަގު އާދިއްތަ ދުވަހު 18.50 އަށް ބަދަލުކޮށްފައެވެ. މިއާއެކު މިފްކޯއިން މިދުވަސްވަރު ދަނީ، ޕްރައިވެޓް ކުންފުނިތަކުންވެސް މަސްގަންނަ އަގުގައި މަސް ގަންނަމުންނެވެ. އަނަސް ވިދާޅުވީ، މިދުވަސްވަރު މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެވްރެޖްކޮށް 17 އަދި 18 ރުފިޔާގައި ދަމަހައްޓަމުންދާ ކަމަށެވެ. ސަރުކާރުން ވަނީ، މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމަށް ނިންމާފައެވެ. މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު ބޮޑުކުރިނަމަވެސް، ކަންނެލި މަސް ގަންނަ އަގު އަދިވެސް ހުރީ އެއްވަރެއްގައި ހިފަހައްޓާފައެވެ.
އަގުތަކަށް އައި ބަދަލާއެކު މިފްކޯއިން ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ޤާއިމުކޮށްފައިވާ ކާރުހާނާތަކުގެ އިތުރުން ގދ.ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ އަދި އިހަވަންދޫއާއި ފުވައްމުލައް ސިޓީގެ ބަނދަރުން އާދިއްތަ ދުވަހު މިއަގުގައި މަސް ގަންނާނެ ކަމަށް މިފްކޯއިން ވިދާޅުވެއެވެ.
ސަރުކާރުގެ އަމާޒަކީ، މަސްވެރިންގެ އަތުން މަސް ގަންނަ އަގަކީ 20 ރުފިޔާއަށް ބޮޑު ކުރުމެވެ. މަހުގެ އަގު ބޮޑުކުރަމުންދާނީ، އެކި މަރުހަލާގައި މަސައްކަތް ކޮށްގެންނެވެ. އެގޮތުން އަގުއެއްކޮށްގެން ވިއްކާ މަހުގެ ބާވަތްތައް އިތުރު ކުރުމާއި، މަސް ފެކްޓްރީތަކުގެ ކެޕޭސިޓީ އިތުރު ކުރުމާއި، ރާއްޖެއިން ބޭރަށް މަސް ބޭރުކުރާ މިންވަރު އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައުޓްލެޓްތައް ޤާއިމުކޮށް، މަހުގެ އުފެއްދުންތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މިފްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. ހަމަމިއާއެކު ދިވެހި މަހަށް ހަމަ އަގު ހޯދުމަށް އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ އުފެއްދުންތަކަށް ނަގަމުންދާ ޓެކްސް އެޤައުމުން ވަނީ ކަނޑާލާފައެވެ.