ޚަބަރު

ޒަމާނީ ޑިޖިޓަލް ނިޒާމުގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަނީ


  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ހަފްލާ އޮތީ ފ.ނިލަންދޫގައި

  • ކާބޯތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމުގެ ސަގާފަތެއް ގޭބިސީތަކުން ފެށިގެން ބިނާކުރަންޖެހޭކަމަށް ވިދާޅުވި

  • އެންމެ އިސްކަމެއްދެނީ ކާބޯތަކެތީގެ ނުރައްކާތައް މޮނިޓަރކުރާނެ ނިޒާމެއް ޤާއިމްކުރުމަށް

  • ކޮންމެ ސުފުރާއެއްގައި ހުންނަ ކެއުމަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރަންޖެހޭ

ކުރިމަގުގެ ތަސައްވުރަކީ ޒަމާނީ ޑިޖިޓަލް ނިޒާމްގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފ.ނިލަންދޫގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ރާއްޖެއަކީ ކާބޯތަކެތި އިމްޕޯޓްކުރުމަށް ބަރޯސާވާ ޤައުމަކަށްވާއިރު އެކިކަންކޮޅުތަކަށް މިތަކެތި ފޯރުވައިދިނުމަކީ ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ.

ރައްޔިތުން ކެއުމަށް ބޭނުންކުރާ ކޮންމެ އެއްޗަކީ ރައްކާތެރި އަދި ފެންވަރު ހުރި އެއްޗަކަށް ވާންޖެހޭ ކަމަށާއި، މިސަރުކާރުން ޚާއްސަ އިސްކަމެއް ދެނީ ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް ލެބޯޓަރީގެ ޤާބިލްކަން އިތުރުކޮށް ކާބޯތަކެތީގެ ނުރައްކާތައް މޮނިޓަރކުރާނެ ނިޒާމެއް ޤާއިމްކުރުމަށް ކަމަށް ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޤާލާ ޢަލީ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެެރިކަމުގެ ޤާނޫނު 23 މެއި 2024ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްދެއްވުމަކީ މިދާއިރާއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރާއްޖޭގެ ނިޒާމް ފެއްތުމަށް އެޅުނު ވަރުގަދަ ބިންގަލެއްކަމަށް ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އަމާޒަކީ ޞިއްޙީ ދާއިރާއާއި މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާ ގުޅިގެން މަސައްކަތްކުރާނެ އިންތިޒާމު ފުޅާކުރުންކަމަށެވެ. އެގޮތުން ކާބޯތަކެތި ތައްޔާރުކުރުމާއި އާންމުން ހޭލުންތެރިކުރުވުމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށް ވިދާޅުވިއެވެ.

ކާބޯތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމުގެ ސަގާފަތެއް ގޭބިސީތަކުން ފެށިގެން ބިނާކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިމަގަށް ގެންގުޅޭ ތަސައްވުރަކީ ޒަމާނީ ޑިޖިޓަލް ނިޒާމްތަކެއްގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުންކަމަށް ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

" ކަމެއް ދިމާވާ ހިނދު އަވަސް ފިޔަވަޅުތަކެއް އެޅުމާއި، ލެބޯޓަރީ ވިއުގަ ފުޅާކުރުމާއި، ދައުލަތާއި އަމިއްލަ ފަރާތްތަކުގެ ގުޅުން ބަދަހިކުރުމަކީކުރަމުންދާ މަސައްކަތެއް، މީގެ ސަބަބުން ކާބޯތަކެތިން ޖެހޭ ބަލިތައް މަދުވެ ވިޔަފާރީގެ އައު ފުރުސަތުތަކަށް މަގުފަހިވާނެ" ޞިއްޙީ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ޞިއްޙީ ކަމެއް ނޫންކަމަށާއި، މިއީ އެންމެންގެ ޤައުމީ ޒިންމާއެއް ކަމުން ރާއްޖޭގެ ކޮންމެ ސުފުރާއެއްގައި ހުންނަ ކެއުމަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރު ކުރުމަށް އެންމެން ގުޅިގެން އައު އަޒުމަކާއެކު ކުރިއަށް ދިއުމަށް ޞިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީވަނީ އެދިވަޑައިގެންފައެވެ.