ޚަބަރު

ނަންވިޒިބަލް ޑިސެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވީއައިއޭގައި ކާމް ރޫމެއް


  • ސެންސަރީ އައިޓަމްތަކާއި، އެކްޓިވިޓީސްތަކުގެ އިންތިޒާމު ހަމަޖެހިފައިވޭ

  • ފަސިންޖަރާއެކު ބެލެނެވެރިއަކަށް މަޑުކޮށްލައިގެން ތިބެވޭނެ

ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 ގައި ޚާއްސަ 'ކާމް ރޫމް' އެއް ހުޅުވައިފިއެވެ.

މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޤާއިމުކުރިތަނެކެވެ.

ޓަރމިނަލް 1 ގައި މިއަދު ބޭއްވި ހަފުލާއެއްގައި މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. މި ހަފުލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، އޯޓިޒަމް ކެއާ މޯލްޑިވްސް އަދި މި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަ އިންތިޒާމުތަކެއް ފޯރުކޮށްދިނުމާއެކު، އެ ފަރާތްތަކުގެ ދަތުރުގެ މާހައުލަކީ އެންމެ އެކަށީގެންވާ ޚިދުމަތެއް ލިބިގެންދާ މާހައުލަކަށް ހެދުމުގެ މުހިންމު އަމާޒަށް ވާސިލްވުމަށް އެމް.އޭ.ސީ.އެލްއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއްގެގޮތުގައި އެމްއޭސީއެލުން ދެކެއެވެ. "ބޮލި" މި ނަމުގައި ތަޢާރަފްކުރެވުނު މި ޚިދުމަތުގެ ދަށުން، ޚާއްސަ އިންތިޒާމްތަކާއެކު ކާމް ރޫމްގެ ޚިދުމަތް ފަސިންޖަރުންނަށް ލިބިގެންދާނެކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ.

ދުނިޔޭގެ ގިނަ އެހެނިހެން އެއަރޕޯޓުތަކުގައި ހިންގާ މިފަދަ ޕްރޮގްރާމްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ 'ބޮލި' ޕްރޮގްރާމްގެ ދަށުން ތަރައްގީ ކުރި ކާމް ރޫމަކީ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް އެއަރޕޯޓުގެ މާހައުލުގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ކުޑަކޮށް، ހިތްހަމަޖެހުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ސެންސަރީ ވަސީލަތްތައް ޤާއިމްކުރެވިފައިވާ ތަނެކެވެ.

މި ކާމް ރޫމްގައި ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކާއިގުޅޭ ތަފާތު ސެންސަރީ އައިޓަމްތަކާއި، އެކްޓިވިޓީސްތަކުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. ހަމައެއާއެކު، ފަސިންޖަރާއެކު އަންނަ ކޮންމެވެސް އެއް ބެލެނެވެރިއަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުވެސް ކާމް ރޫމްގައި ހަމަޖެހިފައި ހުންނާނެއެވެ. މި ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަ ލެންޔާޑަކާއެކު ކާޑެއް ލިބިގެންދާނެއެވެ. މި ލެންޔާޑުގެ ސބަބުން، އެ ފަސިންޖަރަކީ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްކަން ދެނެގަންނަން ފަސޭހަވެ، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.

އެމްއޭސީއެލްގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކީވެސް ކޮންމެ ފަސިންޖަރަކަށްމެ ފަސޭހަކަމާއެކު ބޭނުންކުރެވޭނެ، މިހާރަށްވުރެ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.