ޚަބަރު

މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި


މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުކަމަށް ޙަސަން ޒަރީރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރައްވައިފިއެވެ.

ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.

މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި ހަސަން ޒަރީރު ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރ ކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ހަސަން ޒަރީރުވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމުން ބެޗްލަރ އޮފް އެކައުންޓިންގެ އިތުރުން މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މާލީ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު ޢައްޔަންކުރައްވާފައިވަނީ، އެމަޤާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން މޫސާ ޒަމީރުވަނީ މިދައުރުގެ މާލީ ވަޒީރުކަމާއި ޚާރިޖީ ވަޒީރުކަން ކުރައްވާފައެވެ.

މާލީގޮތުން ދަތި ޙާލަތެއްގައި އޮތް ދަނޑިވަޅެއްގައި ރާއްޖެއިން ނަގާފައިވާ ދަރަނި އަދާކުރެއްވުމުގައި މުހިއްމު މަސައްކަތްތަކެއްކޮށްދެއްވާ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުވާން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.