ޚަބަރު

ސެންޓްރަލް ލީގުގެ ޗެމްޕިއަން ޝީލްޑު ހަވާލުކޮށްފި


  • ހުރާއަށް ޗެމްޕިއަންކަން ލިބުނީ ކުޑަހުވަދޫގެ 3 ޕޮއިންޓު އުނިކުރުމުން

  • މިއީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމެއް

މުޅި ރާއްޖެ ހަތަރު ސަރަހައްދަކަށް ނުވަތަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ރީޖަނަލް ލީގުގެ ތެރެއިން، ސެންޓްރަލް ލީގުގެ ޗެމްޕިއަންކަން ހޯދި ކ. ހުރާއާ، ޗެމްޕިއަން ޓީމަށްދޭ ޝީލްޑާއި މެޑަލް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

އެ ޓީމާ ޝީލްޑް އަދި މެޑަލް ހަވާލުކޮށްފައި ވަނީ، ދިވެހި ލީގު ކޮލިފިކޭޝަންގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗަށްފަހު ބޭއްވި ކުޑަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

އެ ޓީމާ ޝީލްޑް ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރުއެވެ.

ސެންޓްރަލް ލީގުގެ ޗެމްޕިއަން ޓީމަށްދޭ ޝީލްޑާއި މެޑަލް ހުރާ ޓީމާ ހަވާލުކުރުން ލަސްވީ، އެ ލީގުގެ ޗެމްޕިއަނެއްގެ ގޮތުގައި ފުރަތަމަ ބެލެވުނު ދ.ކުޑަހުވަދޫ ޓީމުން، ހުރާއާ ދެކޮޅަށް ކުޅުނު މެޗުގައި ކާޑު ހަމަވެފައިވާ ކުޅުންތެރިންތަކެއް ބޭނުންކުރި މައްސަލައާ ގުޅިގެން އެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލާފައިވާތީއެވެ.

އެފްއޭއެމްގެ ނިންމުމުގައި ވާގޮތުން، ކުޑަހުވަދޫއިން ވަނީ މެޗުގައި ކާޑު ހަމަވެފައިވާ 2 ކުޅުންތެރިއަކު ބޭނުންކޮށްފައެވެ. އެއީ، އަޔާޒް މުޙައްމަދުގެ އިތުރުން އަރީފް މަޙްމޫދެވެ. މުބާރާތުގެ ގަވައިދުގެ 3.3 އާ ހަވާލާދީ އެފްއޭއެމުން ވަނީ މެޗުގައި ކުޑަހުވަދޫއިން ޖެހި ގޯލުތަކުގެ އިތުރުން މެޗުން މޮޅުވެގެން ލިބުނު 3 ޕޮއިންޓުވެސް އުނިކޮށްފައެވެ.

މިއާއެކު އެ ރީޖަންގެ ޗެމްޕިއަނުންގެ ގޮތުގައި އަންނަ ސީޒަނުގެ ދިވެހި ލީގުގެ ކޮލިފިކޭޝަންގައި މިހާރު ކުޅެމުން ދަނީ ކ. ހުރާއެވެ.

ހުރާގެ އިތުރުން ކޮލިފައިންގައި ދެން ވާދަކުރަނީ ދެކުނު ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، އުތުރު ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ އަދި މާލޭ ރީޖަންގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކުލަބާއި ދިވެހި ލީގުގެ ޕްލޭއޮފް ޖާގަތައް ލިބުނު ކްލަބް ގްރީން ސްޓްރީޓްސްއާއި ޓީސީ ސްޕޯޓްސް ކުލަބެވެ.