ޚަބަރު

އެމްޕީއެލްއާ ދެކޮޅަށް ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރަނީ


މޯލްޑިވްސް ޕޯރޓްސް ލިމިޓެޑަށް ގަންނަ ތެޔޮ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ގަތުމަށް ސިވިލްކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް އެމްޕީއެލުން ނިންމައިފިއެވެ.

އެމް.ޕީއެލްއިން ބުނީ މިއަދުގެ ވަގުތެއްގައި މި އަމުރު އިސްތިއުނާފު ކުރާނެ ކަމަށެވެ. މެރީޑިމް ނޫން ބައެއްގެ އަތުން ތެޔޮ ނުގަތުމަށް އެމްޕީއެލްގެ މައްޗަށް އަންގާ ސިވިލްކޯޓުން ވަގުތީ އަމުރެއް ނެރުނީ އިއްޔެގެ ވަގުތެއްގައެވެ. އެ އަމުރުގައި ބުނެފައިވަނީ މެރީޑިއަމުން އެމްޕީއެލްއާއި ދެކޮޅަށް ސިވިލްކޯޓަށް ހުށައަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން މެރީޑިއަމް ނޫން ބައެއްގެ އަތުން ތެޔޮ ނުގަތުމަށް އަންގާ ކަމަށެވެ. މެރީޑިއަމުން އެމްޕީއެލްއާއި ދެކޮޅަށް ދައުވާކުރަނީ އެމްޕީއެލްގެ އުޅަނދުތަކަށް ތެޔޮ ސަޕްލައިކޮށްދިނުމަށް މެރީޑިއަމްއާއިއެކު މި އަހަރުގެ އެޕްރީލް މަހު ވެވުނު އެއްބަސްވުން އެމްޕީއެލުން ބާތިލްކުރީ އެއްބަސްވުމުގެ ރޫޙާއި ޙިލާފަށް ކަމަށް ބުނެއެވެ.

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މަޢުލޫމާތު ދެއްވަމުން އެ ކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވީ މެރީޑިއަމްއާއި އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެ ބަދަލުތައް މެރީޑިއަމުން ގެންނަމުންނުދާތީ އެމްޕީއެލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ކަމަށެވެ.