ފުވައްމުލައް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ ފަހުންގެ ޗެމްޕިއަން ފިސްޑާ މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
މިއަދު ހަވީރު ފިސްޑާ ބަލިވީ އައްޑު އަތޮޅު މީދޫ ވޮލީ ޓީމާ ދެކޮޅަށް ކުޅެ ތިންސެޓް އެއްސެޓުންނެވެ. މީދޫ ޓީމް މެޗް ކާމިޔާބުކުރީ ފިސްޑާ ސެޓެއް ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރާ ތިންސެޓް ހޯދައިގެންނެވެ. މެޗްގެ ފުރަތަމަ ސެޓް ފިސްޑާ ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 23-25އިންނެވެ. ޖެހިގެން އައި ތިންސެޓް މީދޫ ވޮލީ ޓީމް ކާމިޔާބުކުރީ 18-25، 20-25 އަދި 21-25 އިންނެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކީ މީދޫ ޓީމަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދިން ޕާކިސްތާން ކުޅުންތެރިޔާ މުރާދު ޖީހާންއެވެ.
މިއީ ފުވައްމުލަކު ކައުންސިލުން މިމުބާރާތް ބާއްވަން ފެށިފަހުން ރަށުން ބޭރު ޓީމެއް މިމުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިމުބާރާތުގައި މިރޭ ކުޅޭނީ އަންހެން ޑިވިޝަންގެ މެޗެކެވެ. މިރޭ ބައްދަލުކުރާނީ ދަޑިމަގު ރަނިންނާއި ފިސްޑާއެވެ. މިމެޗްވެސް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.