ޚަބަރު

ޕީއެސްއެމުން ވޯލްޑް ކަޕަށް ޚާއްޞަ ވެބްސައިޓެއް ލޯންޗުކޮށްފި


ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކާއި ކުޅުންތެރިންގެ މަޢުލޫމާތާއެކު ދިވެހިންނަށް ޚާއްޞަކޮށްގެން ވެބްސައިޓެއް ޕީއެސްއެމުން ލޯންޗުކޮށްފިއެވެ.

ކޮންމެ 4 އަހަރަކުން 1 އަހަރު މުޅި ދުނިޔެއަށް އަންނަ ފުޓްބޯޅަ ޢީދާ ގުޅުންހުރި އެންމެ ތާޒާ ޚަބަރާއި މަޢުލޫމާތު ހިމެނޭ މި ވެބްސައިޓަކީ ޕީއެސްއެމުން ދިވެހިންނާ ހަމައަށް ފުރިހަމަ ވޯލްޑް ކަޕް ކަވަރޭޖެއް ގެނަސްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅިގެންދިޔަ އިތުރު ފިޔަވަޅެކެވެ. މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުންގެ އެންމެ ފަހުގެ މަޢުލޫމާތާއި މުބާރާތް ބާއްވާ ޤައުމުތަކުގެ އިތުރުން ސިޓީތަކާއި ސްޓޭޑިއަމްތަކުގެ މަޢުލޫމާތު ވެސް ހިމެނޭ މި ވެބްސައިޓަކީ މެޗުތަކުގެ ހުރިހާ މަޢުލޫމާތެއް ވެސް ލިބޭނޭހެން ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ.

ދިވެހިންނާ ހަމައަށް މުޅިން ހިލޭ ވޯލްޑް ކަޕްގެ މެޗުތައް ގެނަސްދިނުމަށް ޕީއެސްއެމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި މުބާރާތާ ގުޅޭ ކަވަރޭޖަކީ އެންމެ ފުރިހަމަ އެއްޗަކަށް ހެދުމަށް ޕީއެސްއެމް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ދިވެހިންގެ މެދުގައި ވޯލްޑް ކަޕް ފޯރިގަދަ ކުރުމަށް ޕީއެސްއެމުން ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފައެވެ. އަދި ފޯރިގަދަ ސޯޝަލް މީޑިއާ ކެމްޕެއިންތަކާއި މުބާރާތްތައް ވެސް ޕީއެސްއެމުން ކުރިއަށް ގެންގޮސްފައިވެއެވެ.

މިއީ ތާރީޚުގައި ވެސް، މުޅިން ހިލޭ ދިވެހިންނަށް ވޯލްޑް ކަޕް ބަލާލެވޭނެ ފުރަތަމަ ފަހަރެވެ. މީޑިއާނެޓާއި ޕީއެސްއެމް ގުޅިގެން މި ފަހަރުގެ ވޯލްޑް ކަޕް ދިވެހިންނާ ހަމައަށް ގެނެސްދޭއިރު، މީޑިއާނެޓްގެ ކަނެކްޝަނެއް އޮތް ކޮންމެ ފަރާތަކަށް ވެސް، އެއްވެސް ޗާޖެއް ނުނަގައި މުޅިން ހިލޭ ޕީއެސްއެމްގެ ޗެނަލްތައް ބަލާލެވޭނެއެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އެންމެ ގިނަ ޤައުމު ވާދަކުރާ އެންމެ ފޯރިގަދަ ވޯލްޑް ކަޕަށް ވާނެއެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ދިވެހިންނަށް ރާއްޖޭގައި ފެންނާނީ ހަމައެކަނި ޕީއެސްއެމްގެ ޗެނަލްތަކުންނެވެ.