ދިވެހި ރައްޔިތުންގެ ކުރިމަތީގައި އޮތީ ބިނާކުރަނިވި ރާސްތާއަކާއި ފަނާކުރަނިިވި ރާސްތާއެއްގެ ފިކުރުކަމަށާއި، އެ ދެ ފިކުރުގެ ތަފާތު ރައްޔިތުންނަށް ވަރަށް ރަނގަޅަށް މިހާރު އެނގި، ހާމަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ.މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީދޫގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ނިމިދިޔަ ސަރުކާރުތަކާއި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކުގައި ހުރި ތަފާތުތަކުގެ މައްޗަށެވެ. އެގޮތުން އެމްޑީޕީގެ ދެ ސަރުކާރުގައި އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ދިވެހީންނަށް ކުރިމަތިވި ނުރައްކާތަކާއި ގެއްލުންތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި އެކަންކަން ހަމަ މަގަށް އެޅުވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕީއެންސީ ވެގެން ގޮސްފައި މިވަނީ ރައްޔިތުން އެންމެ އިތުބާރުކުރާ ޕާޓީއަށްކަމަށާއި، އޭގެ ސަބަބުން މިހާތަނަށް ބޭއްވި ގިނަ އިންތިޚާބުތައް އެޕާޓީއަށް ކާމިޔާބުވެފައިވާކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރަށް ކާމިޔާބީތައް ލިބޭ އެންމެ ބޮޑު ސަބަބަކީ ޤައުމާއި ދީން އިސްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުންކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާވެފައިވަނީ ހަަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްޤީގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް މީގެކުރިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަންކަން ހިނގާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް މީގެކުރިން ކަންކަން ގޮސްފައިވޭ. މިދިޔަ ސަރުކާރުގައި ޤާނޫނުއަސާސީއާ ޤާނޫނުތަކާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ވަނީ ދޫކޮށްލާފައި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއްކަމަށާއި، ނަމަވެސް މިސަރުކާރުގެ ބިނާކުރަނިވި ފިކުރުގެ ދަށުން މީގެކުރިން ގޯސްކޮށް ކޮށްފައިވާ ކަންކަން ހަމަމަގަށް އެޅުުވުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު ވަރުގަދަކުރުމަށް ކިތަންމެ ބޮޑު ޚަރަދެއްކުރައްވައިގެންވެސް މަސައްކަތް ކުރައްވާނެކަމަށެވެ.
"ދިވެހިން އިސްކުރުމުގެ ސިޔާސަތުގެ ދަށުން ހުރިހާ ކަމެއް ކުރިއަށްދަނީ. މީގެކުރިން ވަކި ޤައުމުތަކަކުން ބޭނުންވާ ގޮތަކަށް ކަންކަން ކުރިއަށްދިޔަނަމަވެސް، މިހާރު ކުރިއަށްދާނީ ދިވެހީންނަށް އެންމެ ރަނގަޅު ގޮތަކީ ކޮބައި، އެ މަގުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ފެނިގެންދިޔައީ ދީނާއި ދުރު ސިޔާސަތުތައް ތަންފީޒުކުރަން އުޅުނު މަންޒަރުކަމަށާއި، އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ފެނިގެންދިޔައީ ދީނަށް ޖޯކު ޖަހާމީހުންނަށް ވާގިދޭ މަންޒަރުކަމަށެވެ. ނަމަވެސް މިސަރުކާރުން ހުރިހާ ކަމެއް ކުރާނީ ދިނާއި ޤައުމު އިސްކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.
"ނަމަވެސް މި ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ އަސާސަކީ އިސްލާމްދީން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެކުރިން އޮތީ މަސްތުވާތަކެއްޗާއި ވޭޕް އާއްމުވެފައިކަމަށާއި، ނަމަވެސް މި ސަރުކާރުން ދަނީ އެކަމާއި ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންކަމަށެވެ. އަދި އޭގެ ނަތީޖާވެސް ވަރަށް ރަނގަޅުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މީގެކުރިން ގޮތެއް ނެތިފައި މަގުމަތީގައި ތިބި ޒުވާނުންނަށް ކުރިއަށްދާނެ މަގުތައް މިއަދު ހޯދައިދީ، ޤައުމުގެ ލޯބިވާ. ދީނީ ކަންކަމަށް އަހުލުވެރި ޒުވާނުންތަކެއް ބިނާކުރަމުންދާކަމަށެވެ.
މިހުރިހާ ކަންކަމަށް ބަލާއިރު ދިވެހީންގެ ކުރިމަތީގައި އޮތީ ދެ ގޮތެއްކަމަށާއި، އެއީ ކާމިޔާބީގެ ރާސްތާ އާއި ގެއްލުމާއި ހަލާކުގެ ރާސްތާކަމަށެވެ. އަދި ކާމިޔާބީގެ ރާސްތާ އިސްކޮށްގެން، ޤައުމަށްޓަކައި މަސައްކަތްކުރަނީ ކޮން ބައެއްތޯ މިއަދު ރައްޔިތުންނަށް ހާމަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.