ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް މިރޭ ކުޅޭއިރު ކާބޯ ވޭޑޭ މޮޅުވެދާނެ ކަމަށް ގިނަ ބަޔަކު އުއްމީދެއް ނުކުރާނެ އެވެ. މުބާރާތުގައި އަލަށް ކުޅުނު ކިއުރަސާއޯ ކޮޅަށް ޖަރުމަނުން ހަތް ގޯލު ޖެހުމުން ސްޕޭނުން ވެސް މިފަދަ ނަތީޖާއެއް ނެރެފާނެ ހެޔްޔެވެ؟ ސްޕޭނާއި ކާބޯ ވޭޑޭ ބައްދަލު ކުރާއިރު ދެ ގައުމުގެ ފުޓްބޯޅައިގެ ހާލަތު ވަރަށް ތަފާތެވެ.
އެފްރިކާ އަށް ނިސްބަތްވާ މި ގައުމަކީ މުބާރާތުގައި ކުޅޭ ތިން ވަނަ އަށް އެންމެ ކުޑަ ގައުމެވެ. މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ސިޓީ ކަމަށްވާ އެމެރިކާގެ ޓެކްސަސްގެ އާބާދީ އަށްވުރެ ކާބޯވޭޑޭގެ ރައްޔިތުންގެ އަދަދު 60 ގުނަ މަދެވެ. 1456 ވަނަ އަހަރާ ހަމައަށް ކާބޯވޭޑޭގައި ބަޔަކު ދިރިނޫޅެ އެވެ. އެތަނުގައި ފަހުން އުޅުނީ ޕޯޗުގަލް މީހުން ކަމަށް ބުނެވެ އެވެ. 1975 ވަނަ އަހަރު މިނިވަންވި ގައުމަކީ އެޓްލާންޓިކް ކަނޑުގައި އެފްރިކާގެ ހުޅަނގަށް ވާގޮތަށް އޮނަން ޖަޒީރާއެކެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ޑިމޮކްރަޓިކް އެއް ގައުމެވެ.
ފުޓްބޯޅަ އަކީ ކާބޯވޭޑޭގެ އެންމެ މަގުބޫލު ކުޅިވަރެވެ. ގައުމުގެ ފުޓްބޯޅަ ލީގުތައް ބަހާލާފައިވަނީ 11 ޑިވިޝަނަކަށެވެ. ގަވާއިދުން މުބާރާތްތައް ބާއްވައި އެފްރިކާގެ ރީޖަނަލް މުބާރާތްތަކުގައި ކާބޯ ވޭޑޭގެ ޓީމުތައް ބައިވެރި ވިޔަސް އެ ގައުމުގެ ގިނަ ކުޅުންތެރިން ކުޅެނީ އެމެރިކާ އާއި ޕޯޗުގަލް އާއި ތުރުކީ އާއި ބަލްގޭރިޔާ ފަދަ ގައުމުތަކުގަ އެވެ. އެފްރިކާގެ ފުޓްބޯޅައިގައި އެ މީހުންނަށް ލިބުނު ކާމިޔާބީ އަކީ އެފްރިކާ ކަޕުގެ ކުއާޓާ ފައިނަލަށް 2013 އާއި 2023 ވަނަ އަހަރު ދަތުރު ކުރުމެވެ. މި ކާމިޔާބީތަކުގެ ނަތީޖާ އަކީ އެ ގައުމާ ގުޅިފައިތިބި ޔޫރަޕުގެ ކުޅުންތެރިން ހޮވާލައިގެން ގެނެސް ކާބޯ ވޭޑޭގެ ގައުމީ ޓީމަށް ކުޅުވުމެވެ.
ކޯޗު ޕެޑްރޯ ބުބިސްޓާ ބުނީ ސްޕޭން ކިތަންމެ ވަރުގަދަ ނަމަވެސް ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެވިދާނެ ކަމަށެވެ.
"ކީއްވެ ނުވާންވީ؟ އަހަރުމެން ބޭނުންވަނީ އަހަރުމެންގެ މަތިން އެންމެން ވެސް ހަނދާން ބަހައްޓަން. އެކަން ކުރެވޭނީ މިފަދަ މެޗެއްގައި ނަތީޖާ ނެރެގެން. އަހަރެން ބޮޑަށް ގަޔާވަނީ ވަރަށް އޮގަނައިޒްކޮށް ކުޅޭ ޓީމުތަކަށް. އަހަރެން ޓީމު ބައްޓަން ކުރަނީ ވެސް މި ގޮތަށް. އަހަރުމެންނަށް މި ގްރޫޕަކީ އުނދަގޫ ގްރޫޕަކަށްވާނެ. އެކަމަކު އެއީ ފަހަތަށް ޖެހެން ޖެހޭ ސަބަބެއް ނޫން،" ކޯޗު ބުންޏެވެ.
ކާބޯވޭޑޭގެ ހުރިހާ މެޗެއް ވެސް ކުޅެފައިވަނީ 4-2-3-1 ފޯމޭޝަނަށެވެ. މި ޓީމުގެ އެންމެ ފާހަގަ ކުރެވޭ ކަމަކީ އަރިމަތިން ކުޅޭ ހަލުވި ކުޅުންތެރިންނާއި މެދުތެރެއިން ތަޖުރިބާކާރު މިޑްފީލްޑަރު ޔެރެމީ މޮންޓޭރޯ ދޭ ދިގު ޕާސްތަކެވެ. ހާއްސަކޮށް މެދުތެރެއިން ދުރުން ޖަހާ ބާރު ބޯޅަތައް ވެސް ފާހަގަ ކޮށްލެވެ އެވެ. އެކަމަކު މުޅި ޓީމުގެ އެންމެ ބޮޑު ތަފާތަކީ ބައެއް ކުޅުންތެރިން މާމޮޅުވެފައި އަނެއް ބަޔަކު އެއާ ގާތް ވެސް ނުކުރުމެވެ. މިހެންވެ ޓީމުގެ ބެލެންސް ނުހިފެހެއްޓެ އެވެ.