ޚަބަރު

ޣައްޒާގެ ގައުކުނޑީގެ ދަށުގައިވާ ހަށިތައް ދެނެގަތުމަށް ހުރަސްތަކެއް


ޣައްޒާގެ ގައުކުނޑީގެ ދަށުގައި ވަޅުލެވިފައިވާ ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް ތިބި ކަމަށާއި އެއީ ކޮން ބައެއްގެ ހަށިތަކެއް ކަން ދެނެގަނެވޭނެ ގޮތެެއް ނެތް ކަމަށް ރެޑް ކްރޮސްގެ ބައިނަލްެއަޤްވާމީ ކޮމިޓީ، އައިސީއާރުސީއިން ބުނެފިއެވެ.

ޙަަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ ނާޒުކު އެއްބަސްވުމެެއްގެ ދަށުން ޣައްޒާއަށް ޙަމަލާދިނުން ނަމެއްގައި ހުއްޓާލާފައިވާ ނަމަވެސް، މީހުން ހޯދާ ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ދަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް އިމާރަތްތަކުގެ އަޑީގައި ތާށިވެފައިވާ ހަށިތަކަކީ ކޮން ބައެއްގެ ހަށިތަކެއް ކަން ދެނެގަތުމަށް އުނދަގޫވާނެއެވެ. އެއީ އެ މީހުންގެ ހަށިތައް ދުވަހެއް ދުވަހަކަށް ފަނާވެ ދަމުން ދާތީއެވެ.

އައިސީއާރުސީގެ ތަރުޖަމާނު ޕެޓް ގްރިފިތްސް އެ ކަން ފާހަގަކުރައްވައި ވިދާޅުވީ ބައެއް ޙާލަތްތަކުގައި ހަށިތައް ފެންވައިރު އެ ހަށިތައް އޮންނަނީ ކަށިގަނޑަކަށް ބަދަލުވެފައި ކަމަށެވެ. އެހެންކަމުން އެއީ ކާކުކަން ދެނެނުގަނެވޭ ކަމަށް އޭނާ ވިިދާޅުވިއެވެ. ހަށިތައް ދެނެގަތުމަށް ފޮރެންސިކް ތަޖުރިބާކާރުންނަށް ކޮންމެހެން މުހިންމު ހެކިތައް ވަގުތު ހިނގަމުންދާ ވަރަކަށް ގެއްލެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދެމުންދިޔަ ވަރުގަދަ ޢުދުވާނީ ޙަަަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 61 މިލިއަން ޓަނުގެ ގައުކުނޑި ޣައްޒާގައި އުފެދިފައިވެއެވެ. ޞިއްޙީ އިދާރާތަކުން ޤަބޫލުކުރާ ގޮތުގައި 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް އިމާރާތްތަކުގެ ދަށުގައި ވެއެވެ. ބައެއް ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި އެ ޢަދަދު 14،000އަށް އެރުން އެކަށީގެންވެއެވެ.

އިމާރަތްތަކުގެ ދަށުގައި ތާށިވެފައިވާ ހަށިތައް ހޯދުމަށް ބަރު އުޅަނދުތަކާއި އާލަތްތައް ބޭނުން ކުރާކަށް ޣައްޒާގައި ލިބޭކަށް ނުހުރެއެވެ. އެހެންކަމުން އެ މަސައްކަ
ތް ކުރުމަށް ޣައްޒާގައި ބޭނުން ކުރަނީ އެންމެ އާދައިގެ ފަކީރާއާއި ބަރޯ ފަދަ ތަކެއްޗެވެ. ބޭނުންވާ ސާމާނު ނެތުމުން އަމިއްލަ އަތް ބޭނުންކޮށްގެން ވެސް ބިންގަނޑު ކޮންނަން މަޖުބޫރުވެއެވެ. އެ މަސައްކަތް ކުރުމަށް އެކްސްކެވޭޓަރު ފަދަ ބަރު މެޝިނަރީ އެތެރެ ކުރުމަށް ޙުއްދަ ދިނުމަށް ޔަހޫދީންގެ ކިބައިން ތަކުރާރުކޮށް އެދުނު ނަމަވެސް ޔަހޫދީން އެ ފުރުޞަތު ދީފައެއް ނުވެއެވެ.

ގްރިފިތްސް ވިދާޅުވީ އިންސާނުންގެ ހަށިތައް ތާށިވެފައިވާ ހުރިހާ ސަރަޙައްދެއަގައި މީހުން ހޯދާ ސަލާމަތް ކުރުމުގައި ޙަރަކާތްތެރިވާ ޓީމުތަކަށް މަސައްކަތް ކުރެވެން ވާނެއެވެ. އޭނާ ވަނީ ޣައްޒާއަށް ބޭނުންވާ މެޝިނަރީއާއި ސާމާނު އެ ސަހަރަށް ވައްދައިދިނުމަށް ގޮވާލައްވައިފައެވެ.

އައިސީއާރުސީއިން ބުނީ ދުވަސްވާ ވަރަކަށް މީހުންގެ ވަނަވަރު ދެނެގަތުމަށް އުނދަގޫވާ ކަމަށެވެ. އޭގެ އިތުރުން ތިމާވެށީގެ ޙާލަތު އޮތް ގޮތުންނާއި، ހަށިތަކުގެ ބައިތައް އެކި ސަރަޙައްދުތަކުގައި ހުރުމުންނާއި ޝަހީދުވި މީހުން ގެންގުޅުނު ތަކެތި މިހާރު ނެތުމުން ފޮރެންސިކްގެ ހެކިތައް ފޮހެވިދާ ކަމަށެވެ. ކުރަން އޮތް މަސައްކަތުގެ ބޮޑު ކަމާއި އެއީ ކިހާ މުހިންމު މަސައްކަތެއް ކަން އިޙްސާސްކުރެވޭ ކަމަށް ވިދާޅުވެ ގްރިފިތްސް އިތުރަށް ވިދާޅުވީ އެތައް ހާސް ޢާއިލާއެއް، ޢާއިލާގެ މެންބަރުންނަށް ވީ ގޮތެއް ހޯދުމަށް ބޭނުންވެފައި އެބަ ތިބި ކަމަށެވެ.