ޚަބަރު

ފީފާ ވޯލްޑް ކަޕް 2026: އިރާން - ނިއު ޒިލޭންޑް


  • ސްޓޭޑިއަމް: ލޮސް އޭންޖެލީސް

  • މެޗު ފަށާ ގަޑި: 06:00

ފީފާ ވޯލްޑް ކަޕާ ގައުމުތަކުން ކުރިމަތިލާއިރު އެންމެ ނުތަނަވަސް ހާލަތެއްގައި އޮތް އެއް ޓީމަކަށް ހަމަ ގައުމުވެސް ވާނީ އީރާނެވެ. ދަނޑުބޭރުން، މުބާރާތް ފެށުމުގެ ވެސް ކުރިން އެ ގައުމަށް އެތައް ފިއްތުންތަކެއް ކުރިމަތިވިއެވެ.

މި ހުރިހާ ފިއްތުންތަކަކާއި، ތުރާލާއި އުނދަގުލާއެކުވެސް، މިއަދު ފަތިހުގެ މެޗުގައި އީރާނުން ނިއުޒިލެންޑާ ދެކޮޅަށް ނުކުންނާނީ ވަރުގަދަ އަޒުމެއްގައި، އީރާނަކީ ފުޓުބޯޅައިގައި، އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު އެއް ބާރުކަން ސާބިތުކޮށްދިނުމުގެ ވަރުގަދަ އަޒުމުގައެވެ.

އިރާން

ތިން ފަހަރު މަތިން އޭޝިޔާގެ ޗެމްޕިއަންކަން ހޯދާފައިވާ އިރާނުން ހަ ވަނަ ފަހަރަށް ވޯލްޑްކަޕާއި ކުރިމަތިލާއިރު މި ޓީމަށް މިހާތަނަށް ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅަ ދެވިފައެއް ނުވެއެވެ. ނަމަވެސް ފީފާ އިން ވޯލްޑްކަޕްގެ ޓީމުތަކުގެ އަދަދު އިތުރު ކުރުމާއިއެކު ގްރޫޕް ސްޓޭޖު ފަހަނައަޅާ ގަދަ 32 ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އިރާނަށް މިހާރު ވަނީ ބޮޑުވެފަ އެވެ.

އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ކުރިއަށްދާ ވޯލްޑްކަޕާއި އެމެރިކާ ކުރިމަތިލާއިރު ދަނޑު ބޭރުން އެގައުމަށް ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެމެރިކާ އާއި އިރާނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިރާނުގެ ޓީމުގައި ހިމެނޭ ބައެއް މެމްބަރުންނަށް އެމެރިކާއިން ވިސާ ދީފައެއް ނުވެ އެވެ.

ގްރޫޕް ސްޓޭޖުގައި އިރާން ކުޅޭ ތިން މެޗުވެސް އެމެރިކާގައި ކުޅޭއިރު, އެ ޓީމު ބޭސްވެފައިވަނީ މެކްސިކޯ ގަ އެވެ. އެހެންކަމުން ކޮންމެ މެޗެއް ކުޅޭ ދުވަހު މެކްސިކޯއިން އެމެރިކާއަށް ދަތުރުކޮށް މެޗު ނިމުމުން އަނބުރާ އެ ޓީމު މެކްސިކޯއަށް ދާނެ އެވެ. މިއީ ވޯލްޑްކަޕް ފަދަ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމެއް އުފުލަންޖެހޭ ތަކުލީފެއް ކަމަށް ގިނަބަޔަކު ގަބޫލެއް ނުކުރެ އެވެ.

އިރާނުގެ ގައުމީ ޓީމާއި ދެވަނަ ފަހަރަށް އާމިރް ގަލެނޯއީ ހަވާލުވެފައިވަނީ 2023 ވަނަ އަހަރުގެ މާޗް 12 ވަނަ ދުވަހު އެވެ. ގަލެނޯއީ ވަނީ 2006 އިން 2007 އަށްވެސް އިރާނުގެ ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ.

އިރާނުން މި ފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު، ކޮލިފައިންގައި ކުޅުނު 16 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ކޮލިފައިންގައި އިރާނުގެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ސަރްދާރު އަޒްމޫން އަށް މި ފަހަރުގެ ވޯލްޑްކަޕް ސްކޮޑުން ފުރުސަތު ދީފައިނުވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ގްރީސްގެ އޮލިމްޕިއާކޯސް އަށް ކުޅެމުންދާ މަހުދީ ތަރޭމީގެ އިތުރުން އިރާނުގެ ޓީމުގައި ތިބި ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި މުހައްމަދު ޖަވާދު, ސަމަން ގޮއްދޫސް އަދި މަހްދީ ތޮރާބީ ހިމެނެ އެވެ.

ނިއު ޒިލޭންޑް

ވޯލްޑްކަޕްގައި ތިންވަނަ ފަހަރަށް ނިއު ޒިލޭންޑް އިން ވާދަކުރާއިރު މިއީ 2010 ވަނަ އަހަރަށްފަހު އެ ގައުމުން ވޯލްޑްކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ނިއުޒިލޭންޑް އިން ވޯލްޑްކަޕްގައި ކުޅެފައިވަނީ 1982 ވަނަ އަހަރު ސްޕެއިންގައި ބޭއްވި ވޯލްޑްކަޕްގަ އެވެ.

އެންމެ ފަހުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ނިއުޒިލޭންޑް އިން އެއްވަރުކޮށްފައިވާއިރު އެ ޓީމަށް އަދި މިހާތަނަށް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ލިބިފައެއް ނުވެއެވެ.

އޯޝޭނިޔާ ސަރަހައްދުގެ ޓީމަކަށް ވޯލްޑްކަޕްގެ ސީދާ ޖާގައެއް ފުރަތަމަ ފަހަރަށް ލިބޭ ގޮތަށް ފީފާ އިން ހަމަޖެއްސިއިރު, ކޮލިފައިންގައި ނިއު ޒިލޭންޑް ކުޅުނު ފަސް މެޗުންވެސް ވަނީ މޮޅުވެފަ އެވެ. ކޮލިފައިންގައި ނިއު ޒިލޭންޑް ކުޅުނު ފަސް މެޗުގައި އެ ޓީމުން ވަނީ ޖުމްލަ 29 ލަނޑު ޖަހާފަ އެވެ.

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީ ގައި ނިއު ޒިލޭންޑުގެ އިތުރުން ބެލްޖިއަމް އާއި އިޖިޕްޓްގެ އިތުރުން ދެން ހިމެނެނީ އިރާނެވެ.

މި މުބާރާތާއި ނިއު ޒިލޭންޑް ކުރިމަތިލާއިރު އެ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު ދައުރެއް އަދާކުރާނީ ޕްރިމިއާ ލިގުގެ ނޮޓިންހަމް ފޮރެސްޓަށް ކުޅެމުންދާ ކްރިސް ވުޑް އަދި ޑިފެންޑަރ ޓޮމީ ސްމިތެވެ. މި ދެކުޅުންތެރިން ވެސް ވެފައިވަނީ ދެ ވޯލްޑްކަޕެއްގައި ނިއު ޒިލޭންޑަށް ކުޅޭ ފުރަތަމަ ދެ ކުޅުންތެރިންނަށެވެ.

ނިއު ޒިލޭންޑްގެ ކޯޗުކަމާ އިންގްލެންޑްގެ ޑަރެން ބޭޒްލީ 2023 ވަނަ އަހަރު ހަވާލުވުމުގެ ކުރިން އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އިންގްލެންޑްގެ ވަޓްފޯޑް ސިޓީގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އުމުރުން 53 އަހަރުގެ ބޭޒްލީ ވަނީ ކޯޗު ކެރިއަރ ފެށުމަށްފަހު ނިއު ޒިލޭންޑްގެ އެކި އުމުރު ފުރާތަކުގެ ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ. އެގޮތުން 20 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރަށް ތިން ފަހަރެއްގެ މަތިން އޭނާ ވަނީ ނިއު ޒިލޭންޑް ގެންގޮސްދީފަ އެވެ.