ޚަބަރު

"އަމާޒަކީ ގައިދީންނަކީ މުޖުތަމަޢު ބަލައިގަންނަ މަސައްކަތްތެރި މީހުންނަށް ހެދުން"


  • ގައިދީންނަށް އަމާޒުކޮށްގެން 10 ކޯހެއް ވަނީ އިފްތިތާހުކޮށްފައި

ޖަލު ހުކުމް ތަންފީޒުކޮށް ނިކުންނަ ގައިދީންނަކީ މުޖްތަމަޢު ބަލައިގަންނަ މަސައްކަތްތެރި ބަޔަކަށް ހެދުމަކީ އަމާޒެއްކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ގައިދީންނާއި އޮފިސަރުންނަށް ޚާއްސަކޮށްގެން 10 ކޯހެއް އިފްތިތާހުކުރުމާއި ނިމުނު ޕްރޮގްރާމްތައް ފުރިހަމަ ކުރި ގައިދީންނާއި އޮފިސަރުންނަށް ސެޓިފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ގައިދީންނާއި އޮފިސަރުންނަށް އަމާޒުކޮށްގެން 10 ކޯހެއް ވަނީ އިފްތިތާހުކޮށްފައެވެ.

ގައިދީންނަށް އަމާޒުކޮށްގެން އިފްތިތާހުކޮށްފައިވާ ކޯސްތައް

* ގިރާތު ކޯސް - ސެޓިފިކެޓް 1،2،3
* ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓު
* ސެޓިފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓު އެންޑް ސެކުއިރިޓީ
* ސެޓިފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް
* ސެޓިފިކެޓް 3 އިން ޕްރިޒަން އިންޓެލިޖެންސް
* ޔުނިވަރސިޓީ ޕްރިޕްރޭޝަން ޕްރޮގްރާމް
* ސެޓިފިކެޓް 1 އިން ސްވިން
* ސެޓިފިކެޓް 1 އިން އެގްރިކަލްޗަރ
* ސެޓިފިކެޓް 4، 5 އިން ކަރެކްޝަނަލް މެނޭޖްމަންޓު
* ސެޓިފިކެޓް 1 އިން ހައުސް ވަޔަރިން އެންޑް އިލެކްޓްރިޝިއަން

މިކޯސްތައް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ ޖަލުގައި ސާދަ ސަތޭކަ ވަރަކަށް ގައިދީން ތިބިކަމަށާއި މިތަނުން ހިންގާ ޕްރޮގްރާމްތަކުގައި އަމިއްލައަށް ބައިވެރިވެ މި ކޯސްތައް ފުރިހަމަކޮށް އަދި ވަކިން ޚާއްސަކޮށް ހާޒިރީން %100 ހޯދައިގެން މިކަމުގެ އަސްލު އުސޫލުތަކާ އެއްގޮތަށް ނަތީޖާ ހާސިލްކުރާ ގައިދީން ފެނުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށެވެ. ވަޒީރު ވިދާޅުވީ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ދުވަހަކަށް ޖަލު ހުކުމުން ދުވަހެއް ކެނޑޭގޮތަށް ޤާނޫނޫތަކަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ވަޒީރު އިހްސާން ވިދާޅުވީ ޖަލުތައް ތަރުތީބު ކުރާނީ ޖަލަށް އަންނައިރު އެމީހަކު ތަޢުލީމީ ގޮތުން ހުރި ހިސާބަށްވުރެ އެއް ލެވެލް މައްޗަށް އެމީހާގެ ކޮލިފިކޭޝަން ޖެއްސޭނެ ގޮތަށްކަމަށެވެ. އަދި މިހާރުގެ ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި އޮތް ޑިމާންޑާ އެއްގޮތަށް ކޮންމެވެސް ކަހަލަ ހުނަރެއް ފޯރުކޮށްދެވި އަބުރުވެރި ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ، އުޖޫރައެއް ލިބޭނެ ގޮތަކަށް ހުނަރުތަކެއް ދަސްކޮށްދެވޭނެ ގޮތަށްކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ދީނީ އަޤީދާ ހަރުދަނާ ކުރެވި، އަލުން އަނބުރާ ޖަލަށް ދާން ނުޖެހޭވަރަށް އެމީހާގެ އަޤީދާ ވަރުގަދަ ކުރެވި، އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ޔަޤީންކަން އިތުރުކުރެވި، ފުރިހަމަ މީހަކަށްވެގެން ޖަލުން ނިކުމެވޭގޮތަށް ކަންކަން ތަރތީބު ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ހުރިހާ ކަންކަން ފުރިހަމަ ވެގެން މިތަނުން ނިކުމެގެން ގޮއްސިނަމަ އަޅުގަނޑު ޤަބޫލުކުރަނީ އާއިލާއިން ބަލައިގަންނަ، މުޖުތަމަޢުން ބަލައިގަންނަ އަދި އެމީހަކު މުޖުތަމަޢުގެ ތެރޭގައި އެހެން މީހަކަށް އެއްވެސް ވަރަކަށް ބަރޯސާ ނުވެ އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގެއް ނޫންނަމަ ތަނަވަސްވާނެ. މިއަދު މި ހުޅުވިގެންދާ ބައެއް ކޯސްތައް ޚާއްޞަކޮށް އެގްރިކަލްޗަރ ނުވަތަ މި ދަނޑުވެރިކަމުގެ ދާއިރާއަކީ ވަރަށް ފުޅާކޮށް މިހާރު ރާއްޖޭގައި ހުޅުވިފައިވާ ދާއިރާއެއް. އެހެންވީމާ މިކަމުން ތިބޭފުޅުން ތަޢުލީމާއި ތަމްރީން އުނގެނިގެން ދާއިރު އަޅުގަނޑަށް ގަބޫލު ކުރެވެނީ ބޭރަށް ނިކުންނަ އިރު ވަރަށް ގިނަ ފުރުޞަތުތައް އޮންނާނެ" ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ކަރެކްޝަންގެ މި އިންސްޓިޓިއުޝަންގެ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އިންސްޓިޓިއުޓް ވަރުގަދަކޮށްގެން ނޫނީ ރަނގަޅު ތަޢުލީމީ ނިޒާމެއް ނުގެނެވޭނެކަމަށް ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ ޖަލުތައް ރަނގަޅުކުރުމަށްޓަކައި ވޭތުވެދިޔަ ދެއަހަރާ ބައިގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަަމަށެވެ.

ޒަރީރު ވިދާޅުވީ އެންޖީއޯތަކާއެކު ބިނާކުރަނިވި މަސައްކަތްތައް ކުރެވެމުންދާކަމަށެވެ. އެގޮތުން ވޮލަންޓަރީ މަސައްކަތްތަކާއި ބަޖެޓުން އެހީތެރިކަން ދީގެންވެސް ގައިދީންނަށް ކޮންމެވެސް ކަހަލަ މަސައްކަތެއް ދަސްކޮށްދެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

" މިޖަލުތަކުގެ ތިބި މަސައްކަތްތެރިކަން ދަންނަ އޮފިސަރުން އެ މަސައްކަތް ގައިދީންނަށް އުނގަންނަވައިދެއްވާ. އިންޑަސްޓްރިއަލް ލެވެލްގައި އިންޑަސްޓްރިއަލް ސެންޓަރެއްގެ މަސައްކަތްތަކެއް މި ޖަލުތަކުގެ ތެރޭގަ ކުރަމުން މިގެންދަނީ. އަޅުގަނޑަށް ގަބޫލުކުރެވޭ ފަހަރުން އެއްވެސް ބޮޑު ޕްރޮޖެކްޓެއް މިތަނުން ހިންގުމަށްޓަކާ އަޅުގަނޑުމެން ބަޔަކަށް ދޫކޮށްފައެއް ނޯންނާނެ. އެ މަސައްކަތްތައް ކުރައްވަނީ އަޅުގަނޑުމެންގެ މި ދެންނެވި ހީވާގި އޮފިސަރުންނާއި ގައިދީން މެދުވެރިކޮށް" ޒަރީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިއަހަރު ހިންގާފައިވާ ބައެއް ކޯސްތައް ފުރިހަމަކުރި ގައިދީންނާއި ކޯސް ހިންގުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ވަނީ ސެޓިފިކެޓް ހަވާލުކޮށްފައެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވިއެވެ.