ކުޅިވަރު

ސްޕެއިނަށް މޮޅުނުވެވުނު، އޮޔަރްޒަބާލަށް ލަދުވެތި ރެކޯޑެއް


  • އޮޕްޓާގެ ރެކޯޑުތައް ދައްކާގޮތުން މިފަދަ ކަމެއް މީގެކުރިން ހިނގާފައި ނުވޭ

ފީފާ ވޯލްޑް ކަޕް 2026 ގައި ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން އިން ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑާ އެއްވަރުވިއިރު، އެ މެޗުގައި ސްޕެއިންގެ މައި ސްޓްރައިކަރު މިކެލް އޮޔަރްޒަބާލް، ލަދުވެރި ރެކޯޑެއް ހަދައިފިއެވެ.

ފުޓުބޯޅައިގެ ތަފާސްހިސާބުތައް ބަލަހައްޓައި، ރެކޯޑުކުރާ އެންމެ އިތުބާރުހުރި އެއް މަސްދަރު ކަމުގައިވާ އޮޕްޓާ އިން ހާމަކޮށްފައިވާ ގޮތުގައި މި މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު އޮޔަރްޒަބާލްގެ ހަށިގަނޑުގެ އެއްވެސް ތަނެއްގައި، މެޗުގެ ފުރަތަމަ 30 މިނެޓުގެ ތެރޭގައި ބޯޅަ ޖެހިފައެއް ނުވެއެވެ.

މިއީ އޮޕްޓާގެ ޑާޓާބޭސްގައި ލިބެން ހުރި އެންމެ ކުރީގެ މައުލޫމާތުތަކުން ފެށިގެން މިއަދާ ހަމައަށް ވެސް، ވޯލްޑް ކަޕުގެ މެޗެއްގައި ފުރަތަމަ 30 މިނެޓުގެ ތެރޭގައި ވަކި ކުޅުންތެރިއެއްގެ ފައިގައި ބޯޅަ ނުޖެހޭ ފުރަތަމަ ފަހަރެވެ. އޮޕްޓާއިން ހާމަކޮށްފައިވާ ގޮތުގައި އޮޕްޓާގެ ޑާޓާބޭސްގައި ވޯލްޑް ކަޕުގެ އެންމެ ކުރީގެ މައުލޫމާތަކަށް ލިބެން ހުރީ 1966 ވަނަ އަހަރުގެ މައުލޫމާތެވެ.

ސްޕެއިން ފަދަ ރޭވުންތެރި، ޕާސިން، އެޓޭކިން މޮޅު ގޭމެއް ކުޅޭ ޓީމެއްގެ މައި ސްޓްރައިކަރުގެ ފައިގައި ފުރަތަމަ 30 މިނެޓު ވީއިރުވެސް ބޯޅަ ނުޖެހޭއިރު، މި މެޗުގެ ފުރިހަމަވަގުތުގެ ފަހު ފަސް މިނެޓުގެ ތެރޭގައި އޮޔަރްޒަބާލަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އެގޮތުން ޑެނީ އޮލްމޯ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއްގައި ތަނަވަސްވި ފުރުސަތެއްގައި އޮޔަރްޒަބާލް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ ފުރަތަމަ 30 މިނެޓުގެ ތެރޭގައި އޮޔަރްޒަބާލްގެ ފައިގައި ބޯޅަ ނުޖެހުނު ނަމަވެސް، މުޅި މެޗަށް ބަލާއިރު ސްޕެއިންގެ ކުޅުންތެރިން ވަނީ 700 އަށްވުރެ ގިނަ ޕާސް ފުރިހަމަކޮށްފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މެޗުގައި ސްޕެއިން އިން ވަނީ ޖުމްލަ 23 ހަމަލާއެއް ފޮނުވާލާފައެވެ. އެހެންނަމަވެސް ގޯލާ އަމާޒުވާ ގޮތަށް ފޮނުވާލެވުނީ މީގެތެރެއިން އެންމެ އަށް ހަމަލާއެވެ.

ފީފާ ރޭންކިންގެ 64 ވަނައިގައި އޮތް ކޭޕް ވާޑާ ދެކޮޅަށް ކުޅެ ރޭންކިންގެ ތިންވަނައިގައި އޮތް ސްޕެއިނަށް މޮޅު ނުވެވުނުއިރު، މިކަން ވެގެންދިޔައީ ފުޓުބޯޅަ ދިރާސާކުރާ ފަރާތްތަކަށް ހައިރާންކަން ގެނުވި، ސްޕެއިން ޓީމާއި އެ ޓީމުގެ ސަޕޯޓަރުންނަށް މާޔޫސްކަން ގެނުވި ކަމަކަށެވެ.

މުބާރާތުގައި ސްޕެއިނަށް ކުރިއަށް ދެން އޮތީ މި މަހުގެ 21 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.