ޚަބަރު

އެސްޑީއެފަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފި


  • މިދިޔަ އަހަރު އެސްޑީއެފަށް ޖަމާކޮށްފައިވަނީ 934 މިލިޔަން ރުފިޔާ

  • މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %10 އިތުރުވުމެއް

މިއަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފަށް ޖަމާކުރި ފައިސާގެ އަދަދު 1 ބިލިޔަނަށްވުރެ އިތުރުވެފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ، އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފަށް މުޅި ޖުމްލަ 1 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފަށް ޖަމާކޮށްފައިވަނީ، 934 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %10 އިތުރުވުމެކެވެ.

ސޮވެރިން ފަންޑަށް 1 ބިލިޔަން ރުފިޔާ ޖަމާކޮށްފައިވާއިރު، ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 8.7 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ދެއްކުމަށް ޚަރަދުކުރި އަދަދާއި އަޅާބަލާއިރު %178 އިތުރު އަދަދެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކޮށްފައިވަނީ، 3.1 ބިލިޔަން ރުފިޔާއެވެ.

ސަރުކާރުން މި އަހަރު ދެއްކި 500 މިލިޔަން ޑޮލަރުގެ ލޯނު ދެއްކުމުގައި ވެސް އެސްޑީއެފުންނެވެ. ސޮވެރިން ފަންޑަކީ، ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަންކަމަށް އަދި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.

2016ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވެރިން ފަންޑަށް ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ، ޖަމާކުރަމުންނެވެ. އެއީ، އެއަރޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.