ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިރާގާ ދެކޮޅަށް ނުކުންއިރު ޓީމެއްގެ ގޮތުގައި ކުޅެން ނޯވޭގެ ކުޅުންތެރިންނަށް އެ ގައުމުގެ ބޮޑުވަޒީރު ޖޯނަސް ގާ އިލްތިމާސް ކޮށްފި އެވެ.
1998 ވަނަ އަހަރުގެ ފަހުން ނޯވޭ ކުޅޭ ފުރަތަމަ މުބާރާތަށް ވާތީވެ، ފީފާގެ ދައުވަތަކަށް މި މެޗު ބައްލަވަން ދަނޑަށް ވަޑައިގަންނަވާނެކަން އިއުލާނު ކުރައްވަމުން އޭނާ ވިދާޅުވީ ކިތަންމެ މޮޅު ކުޅުންތެރިން ތިއްބަސް އެކަތިގަނޑެއްގެ ސިފަ ނުފެނިއްޖެނަމަ ބަލިވެދާނެ ކަމަށެވެ.
"މި ދަތުރަކީ މަސައްކަތުގެ ބޭރުން ވަރަށް ޝައުގުވެރި ދަތުރަކަށްވާނެ. އަހަރުމެންނަކީ އަބަދުވެސް މޮޅު ކުޅުންތެރިން ތިބޭ ގައުމެއް. މިފަހަރުގެ ޓީމުގައި ވެސް މޮޅު ކުޅުންތެރިން އެބަތިބި. އެކަމަކު ޓީމެއްގެ ގޮތގައި ނުކުޅެންޏާ ކިތަންމެ މޮޅު ކުޅުންތެރިން ތިއްބަސް ބަލިވެދާނެ،" ބޮޑުވަޒީރު ވިދާޅުވި އެވެ.
ނޯވޭގެ ފޯވަޑް އާލިން ހާލަންޑަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވަޑެވެ. މިކަން ބޮޑުވަޒީރު ވެސް ފާހަގަ ކުރެއްވި އެވެ.
"އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ފޯވަޑް. އޭނާ އަކީ އެފަދަ ދެވަނައެއް ނެތް ކުޅުންތެރިއެއް. އޭނާ އެހުރީ ވެސް ދުނިޔޭގެ އެންމެ މޮޅު ލީގުގައި. ވަކިވަކި ކުޅުންތެރިން ގޯލު ޖަހާނެ. އެކަމަކު މޮޅު ވާނީ ޓީމެއްގެ ގޮތުގައި،" ބޮޑުވަޒީރު ވިދާޅުވި އެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން ނޯވޭގެ ކޯޗު ސްޓޭލް ސޯލްބާކެ ބުނީ މެންޗެސްޓާ ސިޓީ އަށް ކުޅޭ ފޯވަޑް ހާލަންޑް މި މެޗުގައި ގޯލު ޖަހާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އޭނާ ވަނީ ކޮލިފައިންގައި އަށް މެޗުން 16 ގޯލު ޖަހައިފަ އެވެ.
"އަހަރެން އުއްމީދު ކުރަނީ އޭނާ މި މެޗުގައި ތަފާތު ދައްކާނެ ކަމަށް. އޭނާ އަށް ބޯޅަ ހޯދައިދީފިނަމަ ޔަގީނުން ވެސް ގޯލު ޖަހާނެ. ދެން (ކެޕްޓަން މާޓިން) އޮޑެގާޑް އެހުރީ ވަރަށް ރަނގަޅު ފޯމެއްގައި. މުޅި ޓީމު ވެސް އެތިބީ މި މެޗަށް ތައްޔާރުވެގެން،" ކޯޗު ބުންޏެވެ.