ވިލާ ގްރޫޕުގެ އެއަރލައިން ފްލައިމީއަށް 5 އަހަރު ފުރުމާގުޅިގެން މިއަދު ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިގޮތުން މިދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ފްލައިމީގެ ފްލައިޓުން ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރި ފަސެންޖަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް މާމިގިލީގައި ބާއްވާފައެވެ.
ފްލައިމީގެ އުދުހުންތަކަށް 5 އަހަރު ފުރުން ފާހަގަކުރުމަށް މިމަހުގެ 1 ން ފެށިގެން ފްލައިމީގެ މުއައްޒަފުންނާއި ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ގިނަ ޙަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.
މާމިގިލީގައި އޮންނަ ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތަކީވެސް އެ ކުންފުނީގެ އަހަރީ ދުވަހުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދިޔަ ހަރާކަތެކެވެ. މި މަރުޙަބާ ދެންނެވުމުގައި ފްލައިމީގެ މެނޭޖިންގ ޑިރެކްޓަރ ރިލްވާން ޝަރީފާއި، ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރ ޑރ އަބްދުއްﷲ މައުސޫމާއި، ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ މުޙައްމަދު ފިކުރީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތަށްފަހު ފްލައިމީގެ މެނޭޖިންގ ޑިރެކްޓަރ ރިޟުވާން ޝަރީފް ވިދާޅުވީ މިފަދަ އިވެންޓްތައް ބޭއްވުމުގެ މަޤްސަދަކީ ފްލައިމީގެ އޮޕަރޭޓަރުންނާއި ކަސްޓަމަރުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުން ކަމަށެވެ. މިގޮތުން މުޅި އަހަރަށް ބަހާލައިގެން ތަފާތު ޙަރަކާތްތައް ފްލައިމީ ދަތުރުކުރާ މަންޒިލްތަކުގައި ކުރިއަށްގެންދާނެ ކަމަށްވެސް ފްލައިމީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
ފްލައިމީގެ ދަތުރުތައް ފަށާފައިވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރ 1 ގައެވެ.