އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ހައްގުގައި ރާއްޖެއިން ވަކާލާތުކުރާނެ ކަމަށް ޚާރިޖީ ވުޒާރާ އިން ހާމަކުރައްވައިފިއެވެ
47 މެންބަރުންގެ މައްޗަށް އެކުލެވޭ، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް ބާއްވަން ހަމަޖެހިފައި ވަނީ 15 ޖޫން އިން ފެށިގެން 7 ޖުލައިގެ ނިޔަލަށެވެ.
ޚާރިޖީ ވުޒާރާއިން އާއްމު ކުރި ބަޔާނެއްގައި ވިދާޅުވީ، އެ ކައުންސިލްގެ ސެޝަންތަކުގައި އެޖެންޑާގައި ހިމެނޭ ތަފާތު އެކި ބައްދަލުވުންތަކުގައި ބައިވެރިވެ ރާއްޖޭގެ ވަފުދުން ބަޔާން ދެމުންދާނެ ކަމަށާއި، އެ ބަޔާންތައް ބިނާކުރާނީ، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އުސޫލްތަކުގެ މައްޗަށް ކަމަށެވެ. މީގެ އިތުރުން ރާއްޖެ އަކީ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާބެހޭ ގަރާރުގެ ކޯ ގްރޫޕުގެ މެމްބަރަކަށްވާއިރު، ވަކީލުންގެ މިނިވަންކަމާބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓް އާކުރުމާ ގުޅޭ ގަރާރެއް އެ ސެޝަނަށް ރާއްޖެއިން ހުށަހަޅާނެ ކަމަށް ޚާރިޖީ ވުޒާރާ އިން ވަނީ ވިދާޅުވެފައެވެ.
އެވުޒާރާ އިން އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އިންސާނީ ޙައްޤުތަކާ ގުޅިގެން ރާއްޖޭގެ ހުރި ކަންބޮޑުވުންތައް އެ ސެޝަންތަކުގައި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ އަސަރަށް އަލިއަޅުއްވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ވުޒާރާ އިން ވަނީ ވިދާޅުވެފައެވެ. ޚާއްސަކޮށް ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ ލާއިންސާނީ އަނިޔާތަކަށް އަލިއަޅުވާލާ ރާއްޖެ އިން ވާހަކަދައްކަން ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާ އިން ފާހަގަކުރައްވައެވެ.
މި ސެޝަންތަކުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅަކީ، ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިތުރު ބޭފުޅުންނަކީ ސެކަންޑް ސެކްރެޓަރީ އައިޝަތު ރަޔާހީންއާއި ކައުންސެލަރ، އާދަމް ޙާމިދާއި ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް އަދި އެޓާޗޭ މުޙައްމަދު ރާއިދު ސައީދެވެ.
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ މުޅި ދުނިޔޭގެ އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަޤްސަދުގައި އާއި އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ހަރުދަނާކުރުމުގެ މަގްސަދުގައި އެކުލަވާލި މަޖިލީހެކެވެ. މީގެ އިތުރުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ހާލަތްތަކަށް ފާރަވެރިވެ، އެކަންކަން ހައްލުކުރުމަކީ ވެސް އެ މަޖިލީހުގެ މުހިންމު މަސައްކަތެކެވެ. މި ސެޝަންތައް ފެއްޓުމުގެ ގޮތުން ވާހަކަދައްކަވަމުން، އދ.ގެ ހައިކޮމިޝަނަރ ފޯރަ ހިއުމަން ރައިޓްސް ވޮލްކަރ ޓާރކް ވަނީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތަކާއި ގުޅޭ އެންމެ ފަހުގެ އަދާހަމަތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.