ޚަބަރު

އަހަރުގެ މިހާތަނަށް ހިމަބިހީގެ 20 ކޭސް


  • މިދިޔަ ހަފްތާގައި އެކަނިވެސް މާލެ ސަރަޙައްދުން 5 ކޭސް

  • ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ 18 އަހަރުން މަތީގެ ދިވެހިން

މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 20 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން އެކަނިވެސް ހިމަބިހީގެ އިތުރު 5 ކޭސް ފެނިފައިވެއެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދު ވަނީ 20 އަށް އުފުލިފައެވެ.

އެޗްޕީއޭއިން ވިދާޅުވީ، ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ 18 އަހަރުން މަތީގެ ދިވެހިންކަމަށެވެ. އެ ފަރާތްތަކުގެ ޖުމްލަ 489 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަމަށާއި، އޭގެތެރެއިން އެކްޓިވް 88 ކޮންޓްކްޓުން މޮނިޓަރ ކުރަމުންދާކަމަށް ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ބަލި ހުއްޓުވުމަށާއި، ބަލި ދެނެގަތުމަށް އެ އެޖެންސީއިން މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ސަވައިލެންސްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުން އަވަހަށް ދެނެގަތުމަށާއި ރިޕޯޓުކުރުމަށްޓަކައި، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް ޤާއިމުކުރެވިފައިވާކަމަށެވެ.

މީގެއިތުރުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރައްވާ އެޗްޕީއޭއިން ވިދާޅުވީ، މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދެވިފައިވާކަމަށް އެޗްޕީއޭއިން ވިދާާޅުވިއެވެ.


ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޚާއްޞަ ވެކްސިން ކެމްޕޭން ފަށާފައިވާކަން ފާހަގަކުރައްވާ އެ އެޖެންސީން ވިދާޅުވީ، މި ކެމްޕެއިންގެ ތެރެއިން ފުރަތަމަ ޓާގެޓް ގުރޫޕަކީ ޞިއްޙީ ޙިދުމަތްދޭ ފަރާތްތަކާއި 18 އަހަރުން ދަށުންގެ ކުދިންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ނުވާކުދިންކަމަށެވެ.

މިހާތަނަށް ފުރަންޓްލައިންގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 1118 ފަރާތަށް ވެކްސިން ދެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

އާންމު ހުމުގެ ޢަލާމާތްތަކާއެކު ހަށިގަނޑުގައި ނަގާ ކުދި ރަތް ބިހިތަކަކީ، ހިމަބިހީގެ ޢަލާމާތްތަކެވެ. ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ ފުރަތަމަ 4 ދުވަހާއި، އޭގެފަހު 4 ދުވަހަކީ އެހެން މީހުން ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތެކެވެ.

މިދުވަސްވަރު ހުމާއި ރޯގާގެ އެކި ބަލިތައް ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. އިންފްލުއެންޒާއާއި، ޑެންގީއާއި، މީސްލްސްގެ އިތުރުން ފާނަބަސަންދުގެ ކޭސްތައްވެސް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން ރައްކާތެރިކަމުގެ ގޮތުން މާސްކު އެޅުމާއި، ގިނަގިނައިން އަތްދޮވުމާއި، ސެނިޓައިޒަރ ގެންގުޅަމަކީ މުހިއްމު ކަމެކެވެ.