ކުޅިވަރު

ދަޑިމަގު ރަނިން ކުޅުނު ދެމެޗުން ބަލިވެ މުބާރާތުން ކަޓައިފި


ފުވައްމުލަކު ވޮލީބޯޅަ މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ދަޑިމަގު ރަނިން ކުޅުނު ދެމެޗުން ބަލިވެ މުބާރާތުން ކަޓައިފިއެވެ. ފުވައްމުލަކު ކައުންސިލުން އިންތިޒާމްކުރާ މިމުބާރާތުގައި ރޭ ދަޑިމަގު ރަނިން ބަލިވީ އެންމެ ފަހުގެ ޗެމްޕިއަން މިސްކިތްމަގު އެންމެންގެ ގުޅުމާ ވާދަކޮށް ތިންސެޓް ދެސެޓުންނެވެ.

 ވާދަވެރި އަދި އެހާމެ ފޯރިގަދަ މިމެޗްގެ ފުރަތަމަ ސެޓް 15-25 އިން ކާމިޔާބުކުރީ މިސްކިތްމަގެވެ. ޖެހިގެންއައި ދެވަނަ ސެޓް 17-25 އިން ކާމިޔާބުކުރީ ދަޑިމަގެވެ. އަދި ތިންވަނަ ސެޓް 15-25 އިން ކާމިޔާބުކުރީ މިސްކިތްމަގެވެ. ވާދެވެރި މިމެޗްގެ ހަތަރުވަނަ ސެޓް ދަޑިމަގު ގެންދިޔައީ 15-25އިންނެވެ. ދެސެޓް ދެސެޓް އެއްވަރުވުމާއެކު ކުޅުނު ފަސްވަނަ ސެޓް 13-15 އިން ކާމިޔާބުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މިއާއެކު ދަޑިމަގުވަނީ މުބާރާތުން ކަޓާފައެވެ. 

ދަޑިމަގު ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވީ ސީދާ ތިންސެޓުންނެވެ. އެއީ ފިސްޑާއާ ވާދަކޮށެވެ. 

މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ފިރިހެން ޑިވިޝަންގެ ފިސްޑާއާއި ނެރެގަޑުއެވެ. މިރޭ ކުޅޭނީ އަންހެން ޑިވިޝަންގެ މެޗެކެވެ. އެމެޗްގައި ބައްދަލުކުރާނީ ހޯދަޑު ސްޕައިކާސްއާއި ފިސްޑާއެވެ.