ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާގެ ޢައިލާއަށާއި ސިފައިންނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔަވި ޚަބަރު އެއްސެވީ ފުންހިތާމައާއި އެކުގައިކަމަށެވެ. އޭނާއަކީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ބޭކަލެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން (ސނ: 5536)، މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވި ޚަބަރު މި އެހީ ވަރަށް ފުންހިތާމައާއެކުގައެވެ.
— Dr Mohamed Muizzu (@MMuizzu) June 18, 2026
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހިރާއްޖޭގެ… pic.twitter.com/bjN5j7UTAK
އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވީ ހިތާމައިގެ މިދަނޑިވަޅުގައި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނުގެ ޢާއިލާއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމަށެވެ.
މާތްﷲ، ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ލޮބުވެތި ޢާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައިވަނީ ދުޢާ ދަންނަވާފައެވެ.