ފީފާ ވޯލްޑް ކަޕްގެ ތާރީހްގައި ކުޅޭ 1000 ވަނަ މެޗުގެ ރެފްރީކަން ކުރުމުގެ ޝަރަފު ރޮމޭނިއާގެ ރެފްރީ އިސްޓަވާން ކޯވަޗްއަށް ދީފިއެވެ.
ފީފާ ވޯލްޑް ކަޕްގެ ތާރީހްގައި ކުޅޭ 1000 ވަނަ މެޗަށް ވެގެންދާނީ މިއަންނަ އާދިއްތަ ދުވަހުގެރޭ މެކްސިކޯގެ މޮންޓެރޭ ސްޓޭޑިއަމްގައި ގްރޫޕް އެފްއަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ ޓިއުނީޝިއާ އާއި ޖަޕާން ބައްދަލުކުރާމެޗެވެ.
މި މެޗުގައި އުމުރުން 40 އަހަރުގެ ކޯވަޗްގެ އެސިސްޓަންޓުންގެ ގޮތުގައި ހަރާތްތެރިވާނީ ރޮމޭނިއާއަށް ނިސްބަތްވާ އޭނާގެ ޓީމުގެ ފެރެންޒް ޓުންޔޯގީ އާއި މިހައި މަރީސާއެވެ. ފޯތު އޮފިޝަލަކަށް ކޮސްޓަރީކާގެ ހުއާން ކަލްޑެރޯން ހަރާކާތްތެރިވާނެއިރު ރިޒާވް ރެފްރީގެ ގޮތުގައި ހަމަޖައްސާފައިވަނީ ކޮސްޓަރީކާއަށް ނިސްބަތްވާ ކާލޯސް މޯރާއެވެ. މިމެޗު ވެގެންދާނީ ވޯލްޑް ކަޕްގެ ތާރީހްގައި ލިޔެވިގެންދާނެ ފާހަގަ ކޮށްލޭވެ މެޗަކަށެވެ.
ވޯލްޑް ކަޕްގެ 1000 ވަަނަ މެޗަށް ތައްޔާރު ކުރެވިފައިވާ ފީފާ ރެފްރީގެ ހާއްސަ ޖަރޒީ ކޯވަޗްއަށް ހަވާލުކުރުމަށްޓަކައިވަނީ ހާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ. މިގޮތުން މިހަފްލާގައި މިޖަރޒީ އޭނާ އާއި ހަވާލު ކޮށްފައިވަނީ ފީފާ ރެފްރީސް ކޮމެޓީގެ ޗެއަރމަން ޕިއެރްލުއިޖީ ކޮލީނާއެވެ. މިމެޗަށް ހާއްސަ ކުރެވިފައިވާ ފިޔާތޮށި ކުލައިގެ ޖަރޒީގައި ރަން ކުލައިގެ ވޯލްޑް ކަޕް ތަށި ހިމެނޭ ބެޖަކާއި 1000 ވަނަ މެޗުކަން ރަމްޒު ކޮށްދޭ ބެޖް ހަރުކުރެވިފައި ހުންނާނެއެވެ.
ކޮލީނާ ހާމަކުރިގޮތުގައި މިހާއްސަ މެޗަށް ރެފްރީ ކަނޑައަޅާފައިވަނީ މަޝްވަރާ ތަކަކަށް ފަހު ކަމަށާއި އަދި ކޯވަޗްއަކީ އޭނާ އިންސާފް ކޮށްފައިވާ މެޗްތަކަށް ބަލާއިރު މިމެޗުގައި ރެފްރީކަން ކުރަން ގާބިލް އަދި ހައްގު ރެފްރީއެއް ކަމަށެވެ.