ފީފާ ވޯލްޑް ކަޕް 2026ގެ މެޗްވީކް 2 ފަށާފައިވާއިރު، ސިވްޓްޒަލޭންޑުން ބޮސްނިއާ ބަލިކޮށް، މުބާރާތުގެ ނޮކްއައުޓް ސްޓޭޖުގެ އުއްމީދު ހޯދައިފިއެވެ.
އެމެރިކާޣެ ލޮސް އެންޖެލީޒް ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ސްވިސް ޓީމު މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ފެނިގެންދިޔައީ ދާދި ހަމަހަމަ، އެހެންނަމަވެސް ވަރަށް ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ ހާފެއްގެ ގޮތުގައެވެ.
ސްވިސް ޓީމުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން، މެދުތެރެއިން ގިނަ ޕާސްތަކެއް ކޮށްގެން ކުރިއަށް ޖެހެން މަސައްކަތްކުރިއިރު، ބޮސްނިއާ ޓީމުން ވަނީ ޑިފެންސް ކުރުމުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މެޗުގައި ލަނޑުތައް ފެންނަން ފެށީ ދެވަނަ ހާފުގައި ނެގި ހައިޑްރޭޝަން ބްރޭކުގައި ސްވިސް ޓީމުން ގެނައި ބަދަލުތަކާއެކުއެވެ. އެގޮތުން ހައިޑްރޭޝަން ބްރޭކުގައި ކުޅެންއެރި ޔޮހާން މަންޒާންބީއާއި ރުބެން ވާގަސް ވެގެންދިޔައީ މި މެޗުން ސްވިޓްޒަލޭންޑް މޮޅުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނަށެވެ.
މެޗުގައި ސްވިސް ޓީމަށް ލީޑުނަގައިދިން ލަނޑު، ކުޅެން އެރިތާ ދެ މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މަންޒާންބީއެވެ.
ލީޑުގައި އޮވެ ސްވިސް ޓީމުން ކުޅެމުން ދަނިކޮށް، މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމުގެ އެމްބޯލޯ މުޅިން ހުސްކޮށް ހުރެ އޭރިއާ ތެރެއަށް ވަންނަންދަނިކޮށް ކުރި ފައުލަކާ ގުޅިގެން ބޮސްނިއާގެ ތާރިކް މުހަރެމޮވިޗަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ.
މި ރަތްކާޑާއެކު ބޮސްނިއާގެ ޑިފެންސްލައިނުގައި އެޅިގެން ދިޔަ ބާގަނޑުގެ ފައިދާ ނަގައި، މެޗުގެ ފުރިހަމަވަގުތުގެ ފަހު 10 މިނެޓުގެ ތެރޭގައި އަދި އިތުރުވަގުތުގެ ތެރޭގައި ސްވިޓްޒަލޭންޑުން އިތުރު ތިން ލަނޑު ޖެހިއެވެ.
މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ވަރްގަސްއާއި މަންޒާމްބީގެ އިތުރުން ގްރެނިޓް ޒަކާއެވެ. ޒަކާގެ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގައި ބޮސްނިއާގެ ހަމައެކަނި ލަނޑު، އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެރްމިން މަމިޗެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ސްވިޓްޒަލެންޑަށް ލިބެނީ ގްރޫޕް ބީގެ ދެވަނައެވެ. އެއްވަނައިގައި އޮތީ ސްވިޓްޒަލޭންޑެކޭ އެއްގޮތަށް، ދެ މެޗުން ހަތަރު ޕޮއިންޓު ހޯދާފައިވާ ކެނެޑާއެވެ. ކެނެޑާއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.