އަމާޒަކީ މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްވިޔަނުދީ ހިފެހެއްޓުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.
ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތް ހާލަތު ރަނގަޅުކޮށް އެ ސިނާއަތް ކޮޅަށްޖެއްސެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެރޮނގުން މިހާތަނަށް ހޯއްދެވުނު ބައެއް ކާމީޔާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން، އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވަނީ މުޅި ސިނާއަތް ހަރުދަނާކުރެއްވުމަށް ކަމަށާއި، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެއްވުނު މަސައްކަތްތަކުގެ ނަތީޖާގެ ތެރެއިން މިހާރުވެސް ކާމިޔާބުތަކެއް ހާސިލުކުރެއްވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފްކޯގެ ކެޕޭސިޓީއަށް ގެންނަ ހެޔޮ ބަދަލުތަކާއެކު މަސް ގަންނަ އަގު ކިލޯއެއް 20 ރުފިޔާއަށް މިހާރު އިތުރުވެފައިވާ ކަމަށާއި އުއްމީދަކީ އެ އަގުގައި މަހުގެ އަގު ހިފެހެއްޓުން ކަމަށެވެ. ނަމަވެސް އެކަމަށް މަސް ރައްކާކޮށް، ވެލިޔު އެޑްކުރެވޭނެ ގޮތްތައް އިތުރުކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިކަމުގައި އަބަދުވެސް މަސައްކަތް ކުރަން ބޭނުންވަނީ މަހުގެ އަގު ހިފެހެއްޓޭނެ ގޮތަކަށް. 20 ރުފިޔާގެ ރެޓުގައި. އެހެންނަމަވެސް އެންމެ ދަށްކޮށްވިޔަސް 18 ރުފިޔާއަށްވުރެ ކުޑަނުވާނެގޮތަށް މަސްވެރިކަމުގެ ސިނާއަތުގެ ކަންކަން ސަރުކާރުން ތަންފީޒުކުރަމުންގެންދާނަން. އަމާޒަކީ އަބަދުވެސް 20 ރުފިޔާގައި ހިފެހެއްޓުން. އަދި އެއަށްވުރެ މައްޗަށްވެސް ގެންދެވޭ ވަރުވީމަ ގެންދިއުން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން ޓެރިފް ކަނޑާލާފައި އޮތް އޮތުން، ދިގުދެމިގެންގޮސް ދާއިމީވުމަކީވެސް ކުރައްވާ އުންމީދެއް ކަމަށާއި، އެރޮނގުންވެސް މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޢަދަދު މަދުވެފައި އޮތް އޮތުމަށްވެސް ބަދަލުތަކެއް ގެންނަވާނެކަމަށެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެތައް ބަޔަކަށް ވަޒީފާދެވި، ގިނަ ރައްޔިތުންތަކެއް އެގޮތުގައި ހިފެހެއްޓިފައި ތިބުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ހީނަރުކަން ކުރިމަތިވިކަން ފާހަގަކުރައްވައި، ސަރުކާރުގެ ކުންފުނިތައް އޭގެ އެންމެ ރަނގަޅު ސައިޒަށް ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ހެޔޮ އަސަރުތައް މަސްވެރިކަމުގެ ސިނާޢަތްވެސް ހިމެނޭހެން، ރާއްޖޭގެ އިޤްތިޞާދަށް ކުރަން ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަނީ ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން ކަންކަން ހައްލުކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.