ޚަބަރު

ފްލައިމީގެ ދަތުރުތައް ރާއްޖޭގެ އިތުރު މަންޒިލްތަކަށް ފަށަނީ


އަންނަ އަހަރުގެ މެދުތެރޭ ފްލައިމީގެ ދަތުރުތައް ރާއްޖޭގެ އެހެން މަންޒިލްތަކަށް ފަށާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ވިލާ އެއަރގެ ޚިދުމަތް ދޭން ފަށާފައިވަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ފަސޭހަކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދީގެން 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ފްލައިމީން މިހާރު ދަތުރުތައް ކުރަނީ މާމިގިއްޔާއި ދަރަވަންދޫއަށެވެ.

ފްލައިމީގެ ދަތުރުތައް ކުރިން ރާއްޖޭގެ ޑޮމެސްޓިކް ގިނަ އެއަރޕޯޓްތަކަކަށް ކޮށްފައިވެއެވެ. ނަމަވެސް ދުނިޔޭގެ އިޤްތިޞާދަށް އައި ހީނަރުކަމާއި، ރާއްޖޭގެ އިޤްތިޞާދީ އަދި ސިޔާސީ މަސްރަޙަށް އައި ބައެއް ބަދަލުތަކާއި ގުޅިގެން އެ ކުންފުނިން ވަނީ ބައެއް ސަރަޙައްދުތަކަށް ކުރަމުންއައި ދަތުރުތައް ހުއްޓާލާފައެވެ.

އެހެންނަމަވެސް މިހާރު ފްލައިމީގެ ޓާގެޓަކީ އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެތެރޭ އެހެން މަންޒިލްތަކަށް ދަތުރުތައް ފެށުން ކަމަށް ފްލައިމީގެ މެނޭޖިންގ ޑިރެކްޓަރ ރިލްވާން ޝަރީފް ވިދާޅުވިއެވެ. އަދި އިތުރު އެއަރކްރާފްޓް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއަންނަ އަހަރުގެ ކުރީކޮޅު އެއް އެއަރކަރާފްޓް ގެންނާނެ ކަމަށް ވިދާޅުވިއެވެ.

އަދި އެކުންފުނީގެ މިސްރާބު ހުރީ ކުރިއަށް އޮތް ދެ އަހަރެއް ނުވަތަ ތިން އަހަރެއްގެ ތެރޭ 5 އެއަރކްރާފްޓަށް އެ ކުންފުނީގެ ފްލީޓް ބޮޑުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފްލައިމީން ދެމުން އަންނަ ޚިދުމަތްތައް ވަކިވަރަކަށް ފުޅާވުމުން މިސަރަޙައްދުގެ ޤައުމުތަކަށް ދަތުރު ކުރުމަކީ އެކުންފުނީގެ އުންމީދެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިވަގުތު ފްލައިމީގެ ދަތުރުތައް ކުރަނީ 7 މީހުންގެ ޖާގައިގެ 1 އެއަރކްރާފްޓާއި، 68 މީހުންގެ ޖާގައިގެ 2 އެއަރކްރާފްޓެވެ.