ޚަބަރު

ވޯލްޑް ކަޕްގެ 1000 ވަނަ މެޗު ކާމިޔާބު ކުރެވުމުން އުފާކުރަން: މޮރިޔާސޫ


  • ޖަޕާން މިމެޗުކާމިޔާބު ކުރީ 4 ލަނޑު ސުން ލަނޑުން

ފީފާ ވޯލްޑް ކަޕްގެ 1000 ވަނަ ތާރީހީ މެޗު ކާމިޔާބު ކުރެވުމުން އެކަމާއި އުފާ ކުރާކަމަށް ޖަޕާންގެ ކޯޗު ހަޖިމޭ މޮރިޔާސޫ ފާހަގަ ކޮށްފިއެވެ.

ޖަޕާނުން ޓިއުނީޝިއާ އާއި ދެކޮޅަށް ކުޅުނު މި ތާރިހީ މެޗު ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު ސުން ލަނޑުންނެވެ. މޮރިޔާސޫ ބުނީ ވޯލްޑް ކަޕްގެ 1000 ވަނަ މެޗު މިއީ ތާރީހީ މެޗެއްކަމަށެވެ. އަދި މިމެޗު ކާމިޔާބު ކުރެވުމުން ހިތްހަމަ ޖެހޭ ކަމަށްވެސް ޖަޕާންގެ ކޯޗު ހާމަކުރިއެވެ.

މިމެޗަށް ނިކުންއިރު ޓިއުނީޝިއާއިން އެޓީމުގެ ކޯޗު ބަދަލުކޮށްފައިވުމުން އެޓީމުން ކުޅޭނެ ގޮތެއް ކުރީބައިގާ ދެނެގަންނަން އުދަގޫވިކަމަށާއި ނަމަވެސް މިމެޗަށް އޭނާގެ ކުޅުންތެރިން ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންކަމަށެވެ.

މިމެޗު ބެލުމަށް ޖަޕާންގެ ވަރަށް ގިނަ ރައްޔިތުން ދަނޑަށް ވަދެ ތިބިކަން ފާހަގަ ކުރަމުން މޮރިޔާސޫ ވަނީ އެޓީމުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ޖަޕާންގެ ޤައުމީ ސަލާމް ކުޅެމުންދިޔައިރު ދަނޑުގެ ހުރިހާ ދިމާލަކުން ގައުމީ ސަލާމު ކިޔާއަޑު އިވިގެންދިޔަ ކަމަށާއި އަދި މިމެޗުގައި ޖަޕާނަށް ސަޕޯޓުކޮށްފައިވަނީ އެޤައުމުގެ ރައްޔިތުން އެކަނި ނޫން ކަމަށާއި މެކްސިކޯ ޖާރޒީ ލައިގެން ތިބި މެކްސިކޯގެ ސަޕޯޓާރުންވެސް ދިޔައީ ޖަޕާނަށް ތާއީދު ކުރަމުން ކަމުގައި އޭނާ ހާމަކުރިއެވެ. އަދި މިމެޗުގައި އޭނާގެ ޓީމަށް ލިބިގެންދިޔަ ތަރުހީބަށް މޮރިޔާސޫވަނީ ޝުކުރު އަދާކޮށްފައެވެ.

ޓިއުނީޝިއާގެ ފުރަތަމަ މެޗަށް ފަހު އެޓީމުގެ ކޯޗު ކަމާއި ހަވާލުވި ހާވް ރެނާޑް ހާމަކުރިގޮތުގައި އޭނާ ޓީމާއި ހަވާލުވެފައިވަނީ ގްރޫޕް ސްޓޭޖްގެ ދެ މެޗު ނުވަތަ އިތުރަށް ކުރިއަށް ދެވޭނަމަ އެމެޗްތަކަށް އެކަނި ކަމަށާއި މިއީ އޭނާގެ މުސްތަގްބަލާމެދު ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށެވެ.

މިވަގުތު ވިސްނަންވީ ކުރިއަށް އޮތް ގްރޫޕްގެ ތިން ވަނަ މެޗަށް ކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި ފުރަތަމަ ދެމެޗުން ބަލިވުމަށްފަހު ފަހު މެޗުގައި ނެދަަލަންޑްސް އާއި ބައްދަލު ކުރަން ޖެހުން މިއީ އެންމެ ބޭނުންވާގޮތް ނޫން ކަމަށާއި ނަމަވެސް މިއީ ވޯލްޑް ކަޕް ކަމުން އެކަމާއި ކުރިމަތިލުން ނޫން އެހެން ގޮތެއް ނޯންނާނެ ކަމަށް ރެނާޑް ފާހަގަ ކުރިއެވެ.