މިއރުގެ ކޯޗު ހޮސާމް އާއި ހަސަން އާއި ކެޕްޓަން މުހައްމަދު ސަލާހް މައްސަލަ ޖެހިފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ކޯޗު ދޮގު ކޮށްފި އެވެ.
މިސުރުގެ ޓީމާ ގާތް ގުޅުން އޮންނަ ބައެއް ނޫސްވެރިން ބުނަމުންދަނީ ކޯޗާ މެދު ސަލާހް ހިތްހަމަ ނުޖެހުނީ ބެލްޖިއަމާ ވާދަކޮށް 1-1އިން އެއްވަރުވި މެޗުގައި އޭނާ ބަދަލު ކުރުމުންނެވެ. މެޗުގެ 76 ވަނަ މިނިޓްގައި އުމުރުން 34 އަހަރުގެ ސަލާހް ބާލައި ކުޅެން އެރުވީ ޒުވާން ހަމްޒާ އަބްދުލްކަރީމެވެ.
"އެއީ ދުގު ވާހަކަ. މީހުން ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުންނާ މެދު ވެސް ތަފާތު ވާހަކަ ދައްކާނެ. ސަލާހާ އެއްވެސް މައްސަލައެއް ނެތް. އޭނާ އަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް. އޭނާ އަކީ އެންމެ އަހަރެންގެ ނިންމުންތަކަށް އެންމެ ފުރަތަމަ އާނ ބަސް ބުނާ ކުޅުންތެރިޔާ. އޭނާ ބަދަލު ކުރުމުން ވެސް އޭނާ މައްސަލައެއް ނުޖައްސާ،" ކޯޗު ބުންޏެވެ.
ނަމަވެސް ސަލާހް ބަދަލު ކުރުމުން ކޯޗުންނާ މައްސަލަ ޖެހޭ ކުޅުންތެރިއެކެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އާއި އޭގެ ފަހުން އެ ޓީމުގައި ހުރި ކޯޗު އާނޭ ސްލޮޓާ ވެސް ސަލާހާ މައްސަލަ ޖެހުނީ މެޗު ނުނިމެނީސް ބަދަލު ކުރުމުންނެވެ. އަދި ބެލްޖިއަމްގެ މެޗުގައި އޭނާ ބަދަލު ކުރުމުން ވެސް ނުރުހުގެ އަމަލުތައް ފެނިގެންދިޔަ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ނަމަވެސް ހޮސާމް ބުނީ ޓީމުގެ ކަންކަމުގައި ކެޕްޓަނެއްގެ ގޮތުން ސަލާހް ފެންނަނީ ވަރަށް ޕްރޮފެޝަނަލް ކޮށް ކަމަށެވެ.
"އޭނާ އެއްވެސް ކަމަކާ މައްސަލަ ނުޖައްސާ. އޭނާ އަހަރެންގެ ނިންމުންތަކަށް ވަރަށް ބޮޑަށް އިހްތިރާން ކުރޭ. އޭނާ އަށް އެނގޭނެ އޭނާ ބަދަލު ކޮށްފިނަމަ އެކަން ކުރީ ކީއްވެގެންކަން. އެހެންވީމާ ސަލާހްއާ ބެހޭ ގޮތުން އެ ދައްކަނީ ރަނގަޅު ވާހަކަތަކެއް ނޫން،" ކޯޗު ބުންޏެވެ.
ވޯލްޑް ކަޕުގައި ނިއުޒީލޭންޑާއި މިސުރު މިރޭ ކުޅޭ މެޗަކީ ދެ ގައުމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. އެއީ ވޯލްޑް ކަޕެއްގައި މިހާތަނަށް މެޗަކކުން މޮޅުވެފައި ނުވާތީ އެވެ.
"މި މެޗުގައި އަހަރުމެން ވަރަށް މަސައްކަތް ކުރާނަން ތިން ޕޮއިންޓް ހޯދަން. އޭރުން އެކަން ވާނީ ތާރީހީ ވެސް ކަމަކަށް. އަހަރުމެންނަށް މި ގްރޫޕުން ދެ ވަނަ ބުރަށް ދިއުމުގެ ހުރިހާ ފުރުސަތެއް އެބައޮތްކަން ކުޅުންތެރިން ދަނޭ،" ކޯޗު ބުންޏެވެ.