ޚަބަރު

ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދަށް ޕައިލެޓް ޕްރޮޖެކްޓްތަކެއް


  • ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް ޑީޓެއިލް މަސައްކަތްތައް ވަނީ ކޮށްފައި

  • މަޝްރޫޢު ފެށުމުގެ ކުރިން ޕައިލެޓް ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެ

ފުށިދިއްގަރުފަޅުގައި ފެށުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢަށް ތައްޔާރުވުމުގެ ގޮތުން ބިން ބޮޑެތި ރަށްރަށުގައި ދަނޑުވެރިކަމުގެ ޕައިލެޓް ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު 2024 ވަނަ އަހަރުވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތައްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަސަން ދީދީ ވިދާޅުވީ އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށްޓަކައި ޕްރޮޕޯސަލް ތައްޔާރުކޮށް ޑީޓެއިލް މަސައްކަތްތައް ކޮށްފައިވާކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ތަން ބަދަލުވުމުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަޙްމަދު ޙަސަން ދީދީ ވިދާޅުވީ އެ މަޝްރޫޢު ފެށުމުގެ ކުރިންވެސް ދަނޑުވެރިކަމުގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި ބިން ބޮޑެތި ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ޕައިލެޓް ޕްރޮގްރާމްތަކެވެ. މިޕްރޮގްރާމްވާނީ އެ މަޝްރޫޢު ފަށާއިރު އެއަށް އެއްބާރުލުން ދޭ ބައެއްގެ ގޮތުގައިކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ކައުންސިލްތަކާއެކު ދިގު މުއްދަތެއްގެ އެއްބަސްވުންތަކެއް ހަދައިގެން ބިން ހޯދުމުގެ މަސައްކަތްތައް ކުރާނެ. ސްމާޓް ފާމިން، ވާޓިކަލް ފާމިން ފަދަ ކަންކަން ހިމެނޭނެ. ކާށިދޫއާއި ކެލާގައިވެސް މިފަދަ މަސައްކަތްތަކެއް ފެށޭތޯ ފުރުޞަތުތަކެއް ދީފައި ހުންނާނީ. ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާއިރު ދަނޑުވެރިކަމަށް ވަކި ސަރަޙައްދުތަކެއް އެހެން ކަނޑައަޅާފައި ނެތުމުން ބައެއް ބަދަލުތައް ގެންނަން ޖެހުމުން ލަސްތަކެއް ކުރިމަތިވަނީ." މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތައްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަސަން ދީދީ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވަނީ އުތުރުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ މަޝްރޫޢުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި ލ. އަތޮޅާ އައްޑު އަތޮޅާއި ފުވައްމުލައް ސިޓީގައިވެސް ދަނޑުވެރިކަމުގެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ އެކަމަށް ހައްލުތަކެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްޤީކުރުމާއި، ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓަރމިނަލްތައް ޤާއިމުކުރުމާއި، މިނޫންވެސް ގުޅުންހުރި ޢުމްރާނީ ވަސީލަތްތައް މި ސަރަޙައްދުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.