ރާއްޖޭގެ ކުރިމަގަށް މޯލްޑިވްސް 2.0، ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބިލުގެ އިބްތިދާޢީ ބަހުސް މަޖިލީހުގައި ފަށާފައިވާއިރު ގިނަ މެންބަރުން ވަނީ ބިލަށް ތާޢީދު ކުރައްވާފައެވެ. މިއީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އޭގެ ސަބަބުން ފައިދާ ވާނެ ބިލެއް ކަމަށް ގިނަ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވިދާޅުވީ ރާއްޖެ ޑިޖިޓަލް ދުނިޔެއާއި އެއްހަމައަކަށް އެރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކަށް މި ބިލުގެ ސަބަބުން އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި މިއީ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ލުއިތަކެއް ލިބިގެންގޮސް، ރައްކާތެރިކަން ކަށަވަރުވާނެ ބިލެއް ކަމަށްވެސް މެންބަރުން ފާހަގަކުރެއްވިއެވެ.
ބިލަށް ބަހުސް ކުރައްވަމުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވީ މި ބިލާއެކުގައި ރާއްޖޭގައި ކޮންމެ ބަޔަކު ވެރިކަމުގައި ތިބިނަމަވެސް ކޮރަޕްޝަނާއި ވައްކަމަށް މީގެ ކުރިން ހުޅުވައިފައި ހުރި ދޮރުތައް ބަންދުވާނެ ކަމަށެވެ. އަދި ދުނިޔެއަށް އަންނަ ބަދަލުތަކާއެކު އެކި އިދާރާތަކުން މަސައްކަތް ކުރާ ގޮތްތަކަށްވެސް ބަދަލުގެންނަންޖެހޭ ކަމަށާއި އެ ބަދަލު ގެނެވޭނީ މިފަދަ ޤާނޫނުތަކާއެކުގައި ކަމަށް ވިދާޅުވިއެވެ.
"ޑޭޓާ ރައްކާތެރިކުރުމަށް ޤާނޫނެއް މި މަޖިލީހަށް ވެއްދިއްޖެ. ސައިބަރ ސެކިއުރިޓީގެ ޤާނޫނެއް މި މަޖިލީހަށް ވެއްދިއްޖެ. ކުރީގައިވެސް މިއަދާހަމައަށް އައިރުވެސް ޒާތީ ތަފާތު މައުލޫމާތުތައް ތަފާތު ގޮޅިގޮޅީގައި ރައްކާކުރެވިފައި އެބަހުރި. މި ޑޭޓާތައް ރާއްޖޭގައި މިދެންނެވިގޮތަށް ހުރެމެ މި ޑޭޓާތަކަށް ޤާނޫނީ ރައްކާތެރިކަމެއް މިއަދާ ހަމައަށް ދެވިފައެއް ނެތް. މި ސަރުކާރުން، މި މަޖިލީހުން، މި ދެންނެވި ޑޭޓާ ރައްކާކުރުމަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް މަސައްކަތް މިކުރަނީ،" ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވިއެވެ.
ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢިލް ނިޒާރު ވިދާޅުވީ މިއީ ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުންހުރި ބިލެއް ނޫން ކަމަށާއި ދިވެހިރާއްޖެ ޑިޖިޓަލް ފަސްޓް ނޭޝަނަކަށް ކުރާ ދަތުރަށް ޤާނޫނީ ބާރުވެރިކަން ބިލުން ލިބޭނެ ކަމަށެވެ.
"މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް އެސްޓަބްލިޝް ކުރެވިފައި މިހާރު އެހެރީ. މި ބިލުން އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ޤާނޫނީ ބާރުވެރިކަމެއް ދިނުން. ސަރުކާރުގެ އޮފީސްތަކުން ސޮފްޓްވެއަރތައް ހަދާއިރު، އެޕްލިކޭޝަން ހަދާއިރު ނުވަތަ އެ ސޮފްޓްވެއަރއެއް ގަންނައިރު އެ ސޮފްޓްވެއަރއެއް، އެ އެޕްލިކޭޝަނެއްގައި ހުންނަންޖެހޭ ޝަރުތުތައް މިހާރު މިއޮތީ ލިޔެވިފައި. މީގެ ކުރިއަކުން މިހެނެއް ނެތް. ކޮންމެ އޮފީހަކުންވެސް ވަކިވަކިން އޮޕަރޭޓްކުރަމުންދަނީ،" ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢިލް ނިޒާރު ވިދާޅުވިއެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުގައި ރަނގަޅުކަންކަން އެބަހުރިކަން ފާހަގަކުރައްވައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ ކޮމިޓީ މަރުހަލާގައި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާ ބައްދަލުކުރައްވައި ބިލު އިތުރަށް ދިރާސާކުރުމަށް އެދިވަޑައިގެންފައެވެ.
"މީގަވެސް އެބަހުރި ރަނގަޅު ކަންތައްތަކެއް. އެހެންނަމަވެސް ކޮމިޓީގައި އަދި މިއީ ވަރަށް ޓެކްނިކަލް ބިލެއް ވީމަ މިދާއިރާއިން ކިޔަވައިގެން ތިބި، ވަރަށް ފުންނާބު އުސް، ޤައުމުދެކެ ލޯބިވާ ދިވެހިން، ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްނުވާ، ވަރަށް ހުނަރުވެރި ޒުވާނުން އެބަތިބި. އެބޭފުޅުންނަށް ރަނގަޅު ވަގުތެއް ދީގެން. އާންމުންނަށް މިބިލަށްނުވަތަ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނާއި ޑިޖިޓަލް ރާއްޖެއަކަށް އުއްމީދުކުރައްވާ ޒުވާނުންގެ ވިސްނުން މި ބިލަށް ލެވޭނެގޮތަކަށް ކޮމިޓީން އަމަލުކުރުމަކީ އަޅުގަނޑުގެ އެދުމެއް،" ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވިއެވެ.
ބިލަށް ބަހުސް ކުރެއްވި އިދިކޮޅު ބައެއް މެންބަރުން ވަނީ މި ބިލަކީ އީ-ވޯޓިން ނިޒާމަކަށް ދިއުމަށް ސަރުކާރުން ހުށަހެޅުއްވި ބިލެއްކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ބިލުގައި އެފަދަ އެއްވެސް މާއްދާއެއް ހިމަނާފައިވާނުވާކަން ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.