ޓްރީ ޓޮޕް ހޮސްޕިޓަލުން 2026 ވަނަ އަހަރަށް ރޭވި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕްތަކުގެ ތެރެއިން ދެވަނަ ކޭމްޕް، ލާމު ގަމުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސްޕެޝަލިސްޓް ޞިއްޙީ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ގަމު ރީޖަނަލް ހޮސްޕިޓަލާއި، ހައްދުންމަތީ ގަމު ކައުންސިލްގެ އިތުރުން ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ޖޫން 19 އާއި 20 ގައި ބޭއްވި މި ކޭމްޕަށް އެ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 492 މީހަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ މަޝްވަރާ އާއި ފަރުވާ ދީފައިވެއެވެ. މީގެ ސަބަބުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށުގައި ތިބެގެން މާހިރުންގެ ޞިއްޙީ ހިދުމަތް ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދިޔައެވެ.
މި ކޭމްޕްގައި ހިތުގެ ބަލިތައް، ހަކުރުބައްޔާއި ހޯރމޯންގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އާންމު އޮޕަރޭޝަން، ކަށީގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން ބައްލަވައި، ޞިއްޙީ ސްކްރީނިންގް އާއި ހޭލުންތެރިކުރުވުމުގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.
ބަލިމީހުން ބެލުމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި ޞިއްޙީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ގަމުގެ ދަރިވަރުންނަށް ޚާއްސަ ސެޝަނެއް ވެސް ކުރިއަށްގެންދެވުނެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި މައުލޫމާތު ހިއްސާކުރުމަށްޓަކައި ހާއްސަ ތަމްރީނު ސެޝަނެއްވެސް ވަނީ ބާއްވާފައެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަމު ކައުންސިލާއި، ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން، ކަމާބެހޭ އިދާރާތަކުންނާއި، ވޮލަންޓިއަރުން އަދި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.
މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ބޭއްވި 18 ވަނަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެވެ. މީގެ ކުރިން މ، ދ، ތ، ގއ، ގދ، ހއ، ލ، އަދި ށ. އަތޮޅުގައި ވެސް މިފަދަ ކާމިޔާބު ކޭމްޕްތަކެއް ވަނީ ބާއްވާފައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަގުސަދަކީ ފެންވަރު ރަނގަޅު ޞިއްޙީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ގާބިލުކަން އިތުރުކުރުމާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.