ތަރައްްޤީ

ހއ. ދިއްދޫގެ މަގު ހެދުމުގެ މަސައްކަތް ފަށްޓަވައިފި


ހއ. ދިއްދޫގެ މަގު ހެދުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.

ހައުސިންގ މިނިސްޓްރީން، މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން، އެމް.އާރު.ޑީ.ސީ އާއި ޙަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މިމަޝްރޫޢުގެ ދަށުން ދިއްދޫގެ 14 މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލުން ވިދާޅުވީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ މަސައްކަތް ފަށާފައިވަނީ އެރަށު އުތުރު ދަންނަ ކަލޭފާނު މަގުގައި ކަމަށެވެ. 4،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ދިއްދޫއަކީ އެ އަތޮޅުގެ ގިނަ ރަށްތަކުގެ މީހުން އެކިއެކި ޚިދުމަތްތައް ހޯދުމަށް ދާ ރަށެކެވެ. އެރަށުގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެ ހިނގާ މީހުންނާއި ދުއްވާތަކެއްޗަށް ދަތިތައް ކުރިމަތިވަމުންދާކަން އެރަށު ރައްޔިތުން ފާހަގަކުރެއެވެ.

ދިއްދޫ މަގުހެދުމުގެ މަޝްރޫޢަކީ ގާތްގަނޑަކަށް 49 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 560 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މިހާރުވެސް 11 ރަށެއްގެ މަގު ހެދުމުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.